އަދީބު ގޭގައި ބެހެއްޓީ ނިދަން ހާއްސަ މެޝިނެއް ބޭނުންވާތީ: އިމްރާން

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ހޯމް މިނިސްޓަރު އިމްރާން އަބްބްދުﷲ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ވިހި އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ޖަލުގައި ނުބަހައްޓާ ގެއަށް ބަދަލު ކުރެއްވީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ނިދަން އުނދަގޫވެ، އެކަމަށް ހާއްސަ މެޝިނެއް ބޭނުން ކުރަން ޖެހޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެެސްދޭ ޕްރޮގްރާމެއްގައި އާންމު ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކުރީގެ ނައިބު ރައީސް އަދީބުގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ޑޮކްޓަރުން ލިޔުން ދީފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ނިދުމުގައި މައްސަލަތައް ދިމާވާ ކަމަށާއި ފުއްޕާމޭގެ މައްސަލަވެސް ދިމާވެފައިވާ ކަމަށެވެ.

"ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުން ކޮށްގެން ނިދުމަށް. އެ މެޝިނަކީ ޖަލު ތެރޭގައި ބޭނުން ކުރެވޭގޮތަށް ހުރި މެޝިނެއް ނޫން ކަމަށް ވަނީ. އެހެންވެ ގޭގައި އެ މެޝިން ގާއިމް ކުރެވިފައި ހުރި ކަމަށް ވަނީ. އެހެންވީމާ އެކަމުގެ މައްޗަށް ރިއާޔަތްކޮށްފައި އަހުމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައި ވަނީ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މީގެ ކުރިން ޖަލުގައި ހުންނަވަނިކޮށް ޖަލު ގޮޅީތެރެއަށް ވެއްޓިވަޑައިގެން އަދީބަށް ވަނީ އަނިޔާވެސް ވެފައެވެ. މީގެ އިތުރުން ލޮލުގެ ބައްޔަކަށްވެސް އަދީބު ވަނީ ބޭސް ކުރައްވައިފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން 20 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

comment ކޮމެންޓް