އަންނަ މަސް ނިމޭއިރު 18 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރާނެ: މިނިސްޓަރު

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ނޮވެމްބަރުގެ ނިޔަލަށް 18 އެއާލައިނަކުން ރާއްޖެ އަށް ދަތުރު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތު 12 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރަމުންދާ ކަމަށެވެ. އަދި އަންނަ މަސް ނިމޭއިރު ޖުމްލަ 18 އެއާލައިނަކުން ރާއްޖެ އާއި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއް ގުޅާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ރާއްޖެ އަށް ދަތުުރ ކުރާ އެއާލައިންތަކުގެ ތެރޭގައި ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު، އޭރޯފްލޯޓް، އެޑެލްވައިސް، އެއާ އިންޑިއާ، އިންޑިގޯ، ސްޕައިސް ޖެޓް، ސްރީލަންކަންގެ އިތުރުން ޓާކިޝް އެއާ އާއި ބްރިޓިޝް އެއާ ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވިއަން އިންވެސް ވަނީ އިންޑިއާ އަށާއި ބަންގްލަދޭޝް އަށް ޝެޑިއުލް ދަތުރުތައް ފަށައިފައެވެ.

ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ދަތުރު ފަށަން ނިންމާފައިވާ އެއާލައިންތަކުގެ ތެރޭގައި އޮސްޓްރިއަން އެއާލައިނސް، ލުފްތަންސާ، ގަލްފް އެއާ، ނިއޮސް، ފްލައި ދުބާއީ، ނޯޑް ވިންޑް އަދި އަޒުރް އެއާ ރަޝިއާގެ އިތުރުން ގޯ އެއާ އާއި ސައިނާ ސަދަން އެއާލައިންސް ހިމެނެއެވެ.

އެޗްޕީއޭ އިން މިހާރު ވަނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ސްޕްލިޓް ސްޓޭގެ ހުއްދަ ދީފައެވެ. މިއާއެކު ރިސޯޓަށް އަންނަ ފަތުރުވެރިންނަށް އެއް ރިސޯޓަށް ވުރެ ގިނަ ރިސޯޓުގައި ނުވަތަ ގެސްޓްހައުސް އަދި ސަފާރީތަކުގައިވެސް ޗުއްޓީ ހޭދަ ކުރެވޭނެއެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 21ގެ ނިޔަލަށް 31،801 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ ކޮވިޑުގެ ހާލަތުގެ ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ލައްކަ އަކަށް އެރުވުމެވެ.

comment ކޮމެންޓް