އިންޑިއާ އައުޓް އަކީ ގައުމީ ކަމެއް ނޫން، އެއީ ފިތުނައެއް: ޝާހިދު

މިފަހުން އެންމެ އަޑުގަދަ ވެގެން ދިޔައީ "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ބައިވެރިވެގެން ހިންގި ކެމްޕޭނެކެވެ. އެ ކެމްޕޭނުގެ މަގުސަދަކީ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމެވެ. އިންޑިއާ ނުފޫޒުން ރާއްޖެ ސަލާމަތްކޮށް މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުމެވެ. ރާއްޖެއާ އެންމެ އެކުވެރި ގައުމެއްގެ ގޮތުގައި އޮތް އިންޑިއާޔާ ސީދާ ޖައްސާލުމުގެ މި ކެމްޕޭނާ މެދު ސަރުކާރުގެ ވެރިން ރަސްމީކޮށް މިހާތަނަށް އަދި އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

ނަމަވެސް "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު މި ވަނީ އެ ކެމްޕޭނާ މެދު އެބޭފުޅާގެ ވިސްނުން ހާމަކުރައްވައިފަ އެވެ. އެފަދަ ކެމްޕޭންތަކުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކުގެ ދެމެދުގައި އޮންނަ ހާރިޖީ ގުޅުންތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ ކަންބޮޑުވުން މިނިސްޓަރު ޝާހިދު އިންޓަވިއުގައި ފާޅު ކުރެއްވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، ލާމެހިފައިވާ ދުނިޔޭގައި ބައިނަލްއަގުވާމީ އާއިލާގައި ދިރިއުޅޭއިރު އެއްވެސް ގައުމަކާ އަދާވާތްތެރިވެގެން "ޖައްސާލައިގެން" ނޫޅެވޭނެ ކަމަށެވެ. އަދި މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ބައިނަލްއަގުވާމީ އުސޫލުތަކަށް އިހުތިރާމް ކުރާ ކޮންމެ ގައުމަކާ އެކު ގުޅިގެން، ރާއްޖޭގެ ފައިދާއަށް މަސައްކަތް ކުރުން ކަމަށް މިިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އޮކްޓޫބަރ 21، 2020: ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒަމާނުއްސުރެވެސް ރާއްޖެއިން ގައުމުތަކާ އެކު ވިޔަފާރި އާއި އަސްކަރީ ގުޅުންތައް ހާރިޖީ ދާއިރާއިން ބާއްވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާ އައުޓުގެ ނަމުގައި ބަޔަކު ކެމްޕޭން ކުރަނީ، ސިޔާސީ މަންފާއެއް ހާސިލް ކުރަން "އެ ނޫން އެއްވެސް ގޮތެއް ދެން ނެތުމުން" ކަމަށެވެ. އަދި އެއީ އެއްވެސް ގައުމީ ކުލައެއް ނެތް ނުބައި ނިޔަތެއްގައި ހިންގާ ހަރަކާތެއްގެ ގޮތުގައި މިނިސްޓަރު އެކަން ސިފަކުރެއްވި އެވެ.

"އެއްވެސް ގައުމަކާ ދިމާލަށް އަޅުގަނޑުމެން އިންޑިއާ އައުޓް، ޔޫއެސް އައުޓް، ޖަޕާން އައުޓް. މިހެން ބުނާ ހިސާބަކަށް ނުދޭ. އެއަށް ވުރެ މާ ހާއްސަ ގުޅުންތަކެއް ރާއްޖެ ގައުމުތަކާ އެބަ ބާއްވާ. އިއްޔެ ނޫން އިހަށް ދުވަހު އެބަ ހިނގާ ފެށިގެން ޖަޕާނުގެ ސިފައިންނާއި ދިވެހިރާއްޖޭގެ ސިފައިންއާ އެކުވެރި ކަމުގެ ތަމްރީންތަކަކާ އެއްޗިހި. އެހެންވީމާ ޖަޕާން އައުޓްތޯ؟،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

"އެ ހިސާބަށް އަޅުގަނޑުމެންގެ ވިސްނުން ދިޔައިމާ އަޅުގަނޑަށް ގަބޫލު ކުރެވެނީ ދެ މައްސަލައެކޭ މި އޮންނަނީ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ނެތީ. ނޫނީ ބޮޑުތަނުން ފިތުނަ އުފައްދަން އުޅެނީ. އެ ނޫން އެއްވެސް ގޮތެއް ނެތީމާ ފިތުނަ އުފައްދަން އުޅެނީ،"

މިނިސްޓަރު ވިދާޅުވީ، އެފަދަ ކެމްޕޭންތައް ބަޔަކު ހިންގަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ދިފާއު ކުރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް އެއްގޮތަކަށް ވެސް ނޯންނަ ފަރާތްތަކުންނެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގެ ފުރިހަމަ ޔަގީންކަން މި ސަރުކާރުގެ އެބަ އޮތް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އޮކްޓޫބަރ 21، 2020: ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހާރިޖީ ސިޔާސަތުގައި އެންމެފަހުން ދަމާލާނެ ރޮގަކީ ވެސް އަދި އެންމެ ކުރިން ނެރޭނޭ ވިސްނުމަކީ ވެސް ރާއްޖޭގެ މަސްލަހަތު ދިވެހީންގެ މަސްލަހަތު އަމިއްލަ ގައުމުގެ މަސްލަހަތު އިސްކުރުން. މި އުސޫލު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

"ދިވެހި ދިދަ ހިފައިގެން ނިކުމެ ފަހުރުވެރި ކަމާ އެކު ބައިނަލްއަގުވާމީ މުޖުތަމައުގައި އަޅުގަނޑުމެންނަށް ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޮވޭ،"

މިނިސްޓަރު ޝާހިދު އަދި ވިދާޅުވީ އިންޑިއާޔާ އެކު އޮންނަ ގުޅުންތަކުގެ ސަބަބުން މިހާތަނަށް ވެސް ރާއްޖެއަށް އޮތީ ފައިދާކޮށްފަ އެވެ. އެގޮތުން، ނޮވެމްބަރު 3 ގައި ދިވެހި ސިފައިންނާ ގުޅިގެން ރާއްޖޭގެ މިނިވަންކަން ދިފާއުކޮށްދިނުމާއި ފެން ކާރިސާއާ ގުޅިގެން ރާއްޖެއަށް ފެންފޯރުކޮށް ދިނުން އަދި ކޮވިޑުގެ ހާލަތުގައި ދިން އެހީތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އިންޑިއާ އައުޓް ބުނާއިރު ވިސްނަންވީ އިންޑިއާގެ އެހީތަކުން ރާއްޖެއަށް ލިބެމުން އަންނަ ފައިދާއަށެވެ. މިިނިސްޓަރު ސުވާލު ކުރެއްވީ އިންޑިއާ އައުޓް ގޮވާ މީހުން ބޭނުން ވަނީ އެ އެހީތަކުން ރާއްޖެ މަހުރޫމްވާން ހެއްޔެވެ؟

"ކޮޗިންގައި މިއަދު ބޭސްފަރުވާ ހޯދަމުން ދާ ނިކަމެތި ދިވެހި ރައްޔިތުން ބޭނުން ވަނީ އެ މީހުން އިންޑިއާއިން މިހާރު ފޮނުވާލުންތޯ؟ ނޫނީ އެ ބުނަނީ އިންޑިއާއަށް ނުދާށޭ ނޫންތޯ؟ އެކަމަކު ދާން ޖެހިގެން އަޅުގަނޑުމެން ދިވެހިން މި ދަނީ އިންޑިއާޔަށް ބޭސްފަރުވާއަށް އެކޮޅަށް. ކޮވިޑުގެ މި ހާލަތުގައި ވެސް ބޭސްފަރުވާއަށް ދާން ޖެހޭ މީހުން އެ ތިބީ ގޮސް. އެހެން ވީމާ އެފަދަ މީހުންގެ ޝުއޫރަށް އަޅުގަނޑުމެން މިކަހަލަ ކަންކަން ކުރާއިރު ވިސްނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރުގެ އަސްކަރީ ފަރާތްތައް ބައިތިއްބަން މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ވެސް މިނިސްޓަރު ވާހަކަ ދެއްކެވި އެވެ.

މިނިސްޓަރު ވިދާޅުވީ އިނގިރޭސިން ގަމުން ފައިބައިގެން ދިޔަފަހުން މިއަދާ ހަމައަށް ވެސް ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާއިން ގާއިމްވެ ނުތިބޭ ކަމަށާއި އެކަން އޮތީ ހަމަ އެގޮތަށް ކަމަށެވެ. އެހެން ނަމަވެސް، އަސްކަރީ ގުޅުންތައް ދޭދޭ ގައުމުތަކާ އެކު ރާއްޖެއިން އަބަދުވެސް ބާއްވާ ކަމަށާއި އެކަންކަން ކުރަނީ ބައިނަލްއަގުވާމީ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެމެރިކާ، އިންޑިއާ، އޮސްޓްރޭލިޔާ އަދި ޖަޕާން ފަދަ ގައުމުތަކާ އެކުވެސް ރާއްޖެއިން އަސްކަރީ ގުޅުންތަކާއި ތަމްރީންތައް ބާއްވަމުން އަންނަކަން މިނިސްޓަރު ޝާހިދު ފާހަގަ ކުރެއްވި އެވެ.

އޮކްޓޫބަރ 21، 2020: ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މަނަވަރެއް އަންނަ ކޮންމެ ފަހަރަކު އެ އުޅެނީ ރާއްޖެ ހިފާކަށް ނޫން.... އަޅުގަނޑުމެން ގައުމުތަކާ އެކު އަސްކަރީ ގުޅުންތައް ބާއްވަނީ އަސްކަރީ ތަމްރީންތައް އެއްބެސްވުންތައް ހަދަނީ ތައްޔާރީ ހާލަތަކަށް ތައްޔާރަށް ތިބެން. އެއް ގައުމު އަނެއް ގައުމުގެ އަސްކަރިއްޔާގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރަން. އެކްސިޑެންޓްތައް މަދުކުރަން. ކަންކަމަށް ފަރިތަވާން،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ދިވެހި ރައްޔިތުންނަށް ދެއްވި ޔަގީން ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ސަބަބުން "ރާއްޖޭގެ ބިމުން އެންމެ ވެލިފުކެއްވެސް ބޭރުގެ ބަޔަކަށް ދޫކޮށްނުލައްވާނެ" ކަމަށެވެ. ބޭރު ބަޔެއްގެ އަތްދަށަށް ދިވެހިރާއްޖެ ގެންދެވޭ ވަރަށް ވުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަޒުމާއި ކެރުންތެރިކަން ހިތްވަރު އަދި ރޭވުންތެރިކަން މާ ބޮޑު ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

"ރާއްޖެ އިގްތިސާދީ ގޮތުން ވެސް ބާކީއެއް ނުވާނެ. އުމްރާނީ ގޮތުން ވެސް ހާރިޖީ ގޮތުން ވެސް އަސްކަރީ ގޮތުން ވެސް ދިވެހި ރާއްޖެ ދުނިޔޭގެ ލާމެހިފައި މިވާ އާއިލާގައި ބާކީއެއް ނުވާނެ،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

"އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ އިތުބާރު މާބޮޑު. ބިރުން ބޭރު މީހަކާ އަގައިން ނުބުނެ ފިލާ ތިބޭ ވަރަށް ވުރެ އަޅުގަނޑުމެންގެ ނަފްސަށް އިތުބާރު އޮވޭ، ބޭރުގެ ގުޅުންތަކުން ދިވެހީންނަށް ރާއްޖެއަށް މި ދިވެހި ދައުލަތަށް ފައިދާވާނެ ގޮތްތައް ހޯދޭނޭ ކަމުގެ. މި ދިވެހި ރާއްޖޭގެ މިނިވަންކަން އިސްތިގުލާލު ހިމާޔަތް ކުރެވޭނެ ކަމުގެ."

comment ކޮމެންޓް