މާފަރަށް މިއަދު އެކަނިވެސް އަށް ޖެޓު، މަލަމަތި ނަލަ!

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އަށް މިއަދު ޕްރައިވެޓް ޖެޓް ތަކެއް ޖައްސާފައި --- ފޮޓޯ : މާފަރު އިންޓަނޭޝަނަލް އެއާޕޯޓު

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ރާއްޖެއިން ބޭރުން ޖައްސާ ފްލައިޓްތައް އިތުރުވެ މިއަދު އެކަނިވެސް އަށް ޕްރައިވެޓް ޖެޓް ޖައްސައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ މިއަދު ވިދާޅުވީ ކޮވިޑް-19 އަށްފަހު ބޯޑަރު ހުޅުވާލިފަހުން މާފަރު އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

މުމްތާޒް ވިދާޅުވިގޮތުގައި މިއަދަކީ ކޮވިޑް-19 އަށް ފަހުން އެ އެއާޕޯޓަށް ރާއްޖެއިން ބޭރުން އެންމެ ގިނަ މޫވެމްންޓް އޮތް ދުވަސް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މަލަމަތި ފެންނަނީ ރަނގަޅަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ނ. އަތޮޅު ހިމެނޭ ރިސޯޓުތަކަށް މި ދުވަސްވަރު ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ އިރު އެ ފަރާތްތަކުން އަންނަނީ ހައި އެންޑް ރިސޯޓުތަކަށް ކަމަށް މުމްތާޒު ފާހަގަކުރެއްވި އެވެ.

"އެންމެ ގިނަ އަދަދަކަށް މި ސަރަހައްދަށް މި އަންނަނީ ޔޫރަޕުންނާއިން މިޑްލް އީސްޓް އަދި ރަޝިއާ ސަރަހައްދުން،" އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މި މަހުގެ 31 އާ ހަމައަށްވެސް އިތުރު އާ ހަ މޫވްމެންޓް މިހާތަނަށް އެބަހުރި ކަމަށާއި އަންނަ މަހުގެ ތެރޭގައިވެސް އިތުރުވާނެ ކަމަށެވެ.

ކުރިއަށް އޮތީ ކްރިސްމަސް ޗުއްޓީ އެވެ. އެއާ ގުޅިގެން ކްރިސްމަސްއަށް ހާއްސަކޮށް އެކަނިވެސް ޕްރައިވެޓް ޖެޓުގެ 15 މޫވްމެންޓް މިހާރުވެސް ރިޒާވްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އަދަދު، ކްރިސްމަސް އާ ކައިރިވުމުން އިތުރަށް މަތިވެގެންދާނެ ކަމަށް ބެލެވޭ ކަމަށް މުމްތާޒް ވަނީ ވިދާޅުވެފަ އެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ދާއިރު އެ ސަރަހައްދުގެ ރިސޯޓުތަކުގެ އޮކިއުޕެންސީވެސް މަތިކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ. މުމްތާޒު ވިދާޅުވިގޮތުގައި ބައެއް ރިސޯޓުގެ އޮކިއުޕެންސީ 60 ޕަސެންޓްގައިވެސް ހުރުން އެކަށީގެންވެ އެވެ.

comment ކޮމެންޓް