ހެވީ މެޓަލް މުބާރާތާއެކު ދެބަސްވުންތަކެއް

ރާއްޖޭގައި ކުރިއަށްދާ ފުރަތަމަ ހެވީ މެޓަލް މުބާރާތުގެ ޕޯސްޓަރެއް ---

ރާއްޖޭގައި ހެވީ މެޓަލް އަލުން މަގުބޫލުކޮށް ހެވީ މެޓަލް އަށް ލޯބިކުރާ ފަރާތްތަކަށް އިތުރު މަގުތަކެއް ފަހިކޮށްދިނުމަށްޓަކައި ހެވީ މެޓަލް މުބާރާތެއް ވަނީ ދާދި ފަހުން ފަށާފަ އެވެ. މެޓަލް ވޯސް މޯލްޑިވްސް އިން ކުރިއަށް ގެންދާ އެ މުބާރާތާ ގުޅިގެން އާންމުންގެ މެދުގައި ދެބަސްވުން އުފެދި ބައެއް ފަރާތްތަކުން ނުރުހުން އެ މުބާރާތަށް ލިބެން ފަށައިފި އެވެ.

މެޓަލް ވޯސް މޯލްޑިވްސް (އެމްޑަބްލިއުއެމް) އެ އިނިޝިއޭޓިވްގެ ބޭނުމަކީ ދިވެހި މެޓަލް ބޭންޑުތައް އުފެއްދުމަށް ހިތްވަރުދީ އަމިއްލަ އަދި އޮރިޖިނަލް ލަވަތައް އުފެއްދުމަށް ބާރުއެޅުމެވެ. އަދި އެ މަސައްކަތަކީ ރާއްޖޭގެ ހެވީ މެޓަލް އަލުން އަނބުރާ ގެނައުމަށް ކުރާ ކަމެއް ކަމުގައިވެސް މެޓަލް ވޯސް އިން ބުނެ އެވެ.

އެ މުބާރާތަށް ރާއްޖޭގެ ހެވީ މެޓަލް ކޮމިއުނިޓީގެ މެދުގައި ދަނީ ބޮޑު ސަޕޯޓެއް ލިބެމުންނެވެ. އަދި ބައެއް ޒުވާނުންގެ މެދުގައިވެސް އެ މުބާރާތް ވަނީ މަގުބޫލުކަން ހޯދަން ފަށާފަ އެވެ. އެހެންނަމަވެސް ބައެއް ދީނީ އިލްމުވެރިން ވަނީ އެކަމަށް ނުރުހުން ފާޅުކުރަން ފަށައިފަ އެވެ. އަދި އެފަދަ މުބާރާތެއް ނުބޭއްވުމަށް ދަނީ ގޮވާލަމުންނެވެ.

އެގޮތުން ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް ދާދި ފަހުން ވިދާޅުވެފައިވަނީ ހެވީ މެޓަލް މިއުޒިކު ކުޅެން ރާއްޖޭގައި ހުއްދަ ދެވިގެން ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ހެވީ މެޓަލް ފަދަ މިއުޒިކު ބިނާވެފައިވަނީ ޝައިތޯނާއަށް އަޅުކަންކޮށް ފާޅުގައި މާތް ﷲ އަށް އުރެދި މަސްތުވާތަކެއްޗާއި ފާހިޝްކަމަށް ސަރީހަ އިބާރާތުން ދައުވަތު ދިނުމުގެ ނުބައި ފަސާދައިގެ މައްޗަށެވެ.

އެކަމާ ގުޅިގެން އާންމުންގެ މެދުގައި ވަނީ މުހައްމަދު އިބްރާހީމް އަށް ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން ވަކި ވައްތަރެއްގެ މިއުޒިކް މަނާކޮށްފައި އަނެއްބައި މިއުޒިކު ހުއްދަ ކުރެވެނީ ކީއްވެތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.

"ރާ ފަދަ ތަކެތި އަދި އޫރު ފަދަ ތަކެތި [ރާއްޖޭގެ ރިސޯޓްތަކުގައި ނަމަވެސް] ވިއްކުން ހުއްދަ އިރު މިއުޒިކް ފަދަ ކަންތައް ހުއްދައެއް ނޫން. އެއްވެސް ކަހަލަ ހަމަ އެއް އިނދޭތޯ ކަންތައް މަނާކުރުމުގައި،" ސޯޝަލް މީޑިއާގައި ޒުވާނަކު ސުވާލު އުފެއްދި އެވެ.

އެހެންނަމަވެސް އެ މުބާރާތް އިތުރަށް ކުރިއަށް ނުގެންދިޔުމަށްވެސް ބައެއް ފަރާތްތަކުން ގޮވާލާފައިވެ އެވެ.

އެކަމާ ހިޔާލުތަފާތުވުންތަކާ ގުޅިގެން ދެމުން މެޓަލް ވޯސް އިން "ސަން"އަށް ބުނީ އެކަމާ ގުޅިގެން އެއްވެސް ހަމަނުޖެހުމެއް އުފެދެން ބޭނުން ނުވާ ކަމަށެވެ. އަދި އެ އިނިޝިއޭޓިވް އިން ހަމައެކަނި ބޭނުންވަނީ ހެވީ މެޓަލް އަށް ލޯބިކުރާ ބޭންޑުތައް ކާމިޔާބުވެ އެ ފަރާތްތަކަށް ކޮންމެވެސް ކަހަލަ މަގެއް ފަހި ކޮށްދިނުން ކަމަށްވެސް މެޓަލް ވޯސް އިން ބުނެ އެވެ.

އެމްޑަބްލިއުއެމް އިން ބުނެފައިވަނީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުންގެ ތެރެއިން އެއްވަނައަށް ދާ ފަރާތަކަށް 38،000 ރުފިޔާ ފައިސާގެ އިނާމުގެ އިތުރުން ތިން މަސް ވަންދެއް އެއްވެސް ފީއެއް ނުނަގާ ޕްރެކްޓިސް ކުރެވޭނެ ސްޓޫޑިއޯއެއްގެ އިންތިޒާމުވެސް ހަމަޖައްސައިދޭނެ ކަމަށެވެ. އޭގެއިތުރުން ޕްރޮފެޝަނަލް ރިކޯޑިން ހެދުމުގެ ފުރުސަތުވެސް އެ ބޭންޑަށް ލިބިގެންދާނެ ކަމަށް ވާނީ ބުނެފަ އެވެ.

މުބާރާތުގެ ފުރަތަމަ ޗެލެންޖް މިހާރު ކުރިއަށްދާއިރު މުބާރާތުގައި ހަތް ބޭންޑެއް ވަނީ ބައިވެރިވެފަ އެވެ. އަދި ބޭންޑުތަކުން ވަނީ ޑިޖިޓަލް ކޮށް އޮރިޖިނަލް ލަވަތައް ހުށަހަޅާފަ އެވެ. މިހާރު ކުރިއަށްދަނީ އެ ލަވަތައް ބަލައި ވަނަ ހޮވުމުގެ މަސައްކަތެވެ.

comment ކޮމެންޓް