ޗައިނާ-ރާއްޖެ ފްލައިޓުތައް އަންނަ މަހު ފަހު ކޮޅު ފަށަން ތާވަލްކޮށްފި

ޗައިނާގެ ފަތުރުވެރިންތަކެއް ރާއްޖޭގައި-- ފޮޓޯ: މޯލްޑިވްސް ނެޓް

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓް، ޗައިނާއިން ރާއްޖެއަށް ފްލައިޓުތައް އަންނަ މަހު ފެށުމަށް ތާވަލްކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން މިއަދު އާންމުކޮށްފައިވާ ތިން މަސްދުވަހުގެ ފްލައިޓު ޝެޑިއުލްގައިވާ ގޮތުން ކޮވިޑަށް ފަހު ޗައިނާއިން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓް އަންނަން މިހާރު ތާވަލްކޮށްފައިވަނީ އަންނަ މަހުގެ 29 ވަނަ ދުވަހު އެވެ.

އެއީ "ޗައިނާ ސަދާން އެއާލައިން"ގެ ފްލައިޓެކެވެ. އެ ފްލައިޓް އަންނަނީ ރާއްޖެއަށް ކުރިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގުއަންޒޯ އިންޓަނޭޝަލް އެއާޕޯޓުންނެވެ.

އޭގެ އިތުރުން، ޗައިނާގެ ވެރިރަށް ބެއިޖިން އިން ދެ ފްލައިޓެއް ރާއްޖެ އައުމަށް ވަނީ ތާވަލްކޮށްފަ އެވެ. "ބެއިޖިން ކެޕިޓަލް އެއާލައިން"ގެ އެ ދެ ފްލައިޓު އައުމަށް ތާވަލްކޮށްފައިވަނީ، ޑިސެމްބަރު ދޭއް، އަދި ހަތަރަކަށެވެ.

ތާވަލްގައި ބުނާ ގޮތުން މި ތިން މަސް ތެރޭ ބޭރުގެ 31 އެއާލައިނެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލަށް ރާއްޖެއަށް ފަށާ އެއާލައިންތައްވެސް ހިމެނެ އެވެ.

ޗައިނާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާއިރު، އެއީ މިދިޔަ އަހަރުވެސް އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ގައުމެވެ.

މިދިޔަ ޖުލައި މަހު 15 ވަނަ ދުވަހުން ފެށިގެން 31،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ، ބޯޑަރު ހުޅުވާލިފަހުން 120،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މާޗު 27 ގައި ބަންދު ކުރި އިރު އަހަރުގެ ފުރަތަމަ ތިންމަހުގެ ތެރޭ 380،000 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 1.77 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

comment ކޮމެންޓް