ޑުރަގާއި ގިނަ އަދަދެއްގެ ރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން ފުލުހުން އަތުލައިގަތް ރާ ފުޅިތައް -- ފޮޓޯ/ ފޮލިސް

ގިނަ އަދަދެއްގެ ރަލާއި މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 30 އަހަރުގެ އެ ދެ ފިރިހެންނުން ހައްޔަރު ކުރީ ރޭ ހިންގި އޮޕަރޭޝަންނެއްގައެވެ. އެދެމީހުންނަކީވެސް ދިވެހިންނެވެ.

ފުލުހުން ބުނީ، ބަނގުރަލާއި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހުޅުމާލޭގެ ދެ ފްލެޓަކާއި ފަސް ކާރެއް ބަލާ ފާސްކުރި ކަމަށެވެ.

އެއް ފްލެޓަކުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ހޭކިފަައިހުރި އަށް ރަބަރު ޕެކެޓާއި ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވަނީ ފާސް ކުރި ފަސް ކާރުން އެއް ކާރުން ކަމަށެވެ.

އެ ކާރުން 34 ދަޅު ބިޔަރާއި ބޮގަރުކަމަށް ބެލެވޭ އެއްޗެއް ހުރި 33 ފުޅިއާއި 58 ފުޅި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްކަމަށް ބެލެވޭ އެއްޗެއް ހުރި 51 ސެލޯފިންކޮޅު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މިދިޔަ ހަފްތާ ތެރޭވެސް ހުޅުމާލެގައި އޮތް ކާރަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފަ އެވެ.

comment ކޮމެންޓް