ލުތުފަރު މަރާލި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

ކަނޑު އަޑިން ފެނުނު ލުތުފަރުގެ ބޮލުގެ ނާށިގަނޑު: އޭނާގެ ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި -- ފޮޓޯ/ ފުލުހުން

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ލުތުފަރު މަރާލި މައްސަލައިގައި ދައުވާ ކުރަނީ ކުރިމަގު ބޯޓުގައި ލުތުފަރުއާ އެކު މަސައްކަތް ކުރި ބަންގްލަދޭޝްގެ ތިން މީހަކަށެވެ. އެ މީހުންގެ ނަންތަކަކީ އަލަމިން، ނޫރުލްއިސްލާމް، އަދި އެމްޑީ އަހްތަރު ހުސެއިން އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ތިން މީހުންގެ މައްޗަށް އެނގިހުރެ މީހަކު މެރި ކަމުގެ ދައުވާ ކުރާއިރު އެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އެ ތިން މީހުން ވެގެން ލުތުފަރު މަރާލީ ލުތުފަރު އެ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގަން މަސައްކަތް ކުރުމުން ކަމަށެވެ.

އެ ތިން ބިދޭސީންގެ މައްޗަށް ކުރީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން އެ ތިން މީހުން ލުތުފަރު މަރާލީ އޭނާ ބޯޓުުގެ ތައްޓު މައްޗަށް ވައްޓާލައި ނޭވާ ހާސްކޮށްގެންނެވެ. އެގޮތުން އަލަމިން، ލުތުފަރުގެ ފައިގައި ހިފަހައްޓައިގެން ހުރި އިރު، ނޫރުލްއިސްލާމް ގެންދިޔައީ ލުތުފަރުގެ އަނގައާއި ނޭފަތުގައި އަތް އަޅައި ނޭވާ ހާސްކުރަމުން ކަމަށް ދައުވާގައިވެ އެވެ. އަދި އެމްޑީ އަހްތަރު ހުސެއިން ލުތުފަރުގެ ކަރުގައި ހިފައި ނޭވާ ހާސްކުރަމުން ދިޔަ ކަމަށް ދައުވާގައިވެ އެވެ.

މި މައްސަލައިގައި ދައުވާ ކުރި ތިން މީހުން ކުށަށް އިއުތިރާފުވެ، ޕީޖީއާ އެކު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގައިވާ ފަދަ ކުށުގެ އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.

އެކަމަކު، މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އޮތް އެންމެ ފުރަތަމަ އަޑުއެހުމުގައި ތިން ބިދޭސީން ބުނެފައި ވަނީ އެ މީހުން ޕީޖީއަށް އިއުތިރާފުވީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށެވެ. އަދި އެ މީހުން ވަނީ ދައުވާގައިވާ ކަންކަމަށް އިންކާރުކޮށްފަ އެވެ.

އެހެންކަމުން، އެ އަޑުއެހުމުގައި ދައުލަތުން އެދުނީ އިއުތިރާފުގެ އެއްބަސްވުމާ މެދު ޝަރީއަތުން ގޮތެއް ނިންމުމަށެވެ. އަދި ލުތުފަރު މަރާލި މައްސަލައިގެ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ފުރިހަމަ ކުރަން އިތުރު މުއްދަތެއް ދިނުމަށް ދައުލަތުން އެދުނެވެ.

comment ކޮމެންޓް