އަޑި ޕާކް ކޮރަޕްޝަންއާ ގުޅިގެން ފަސްޓް ލޭޑީއަށް ކުރި ތުހުމަތުތައް ދޮގުކޮށްފި

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު -- ސަން ފޮޓޯ/ އިބްރާހިމް މާހިލް މުހައްްމަދު

ލޮނު ޒިޔާރަތްކޮޅުގައި ގާއިމްކޮށްފައިވާ އަޑި ޕާކްއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއްގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދަށް ކޮށްފައިވާ ތުހުމަތުތަކަށް އެކަމަނާ އިންކާރުކުރައްވައިފި އެވެ.

މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) ނަމަކަށް ކިޔާ ރާއްޖޭގެ އޮންލައިން ނޫހަކުން އިނގިރޭސިބަހުން ޝާއިއުކުރި ލިޔުމެއްގައި ބުނީ އަޑިޕާކަށް ގަސް ވިއްކަނީ ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށެވެ. އަދި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވެސް ބުނެފައިވެ އެވެ. އަދި އަޑި ޕާކަށް ގަސް ފޯރުކޮށްދިނީ މާކެޓްގެ އަގުތަކަށް ވުރެ ދެ ގުނަ ބޮޑުކަމަށްވެސް ބުނެފައިވެެ އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި ފަޒްނާ ނެރުއްވި ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ނަމާއި އެ ކުންފުނީގައި ފަޒްނާ ޝާމިލް ވާގޮތްވެސް ނޫހުން ބުނެދީފައި ނުވާ ކަމަށެވެ.

"ހާއްސަކޮށް މިހާރުގެ މިނިސްޓްރީ އޮފް ޓްރޭޑްގެ އޮންލައިން ޕޯޓަލްއިން ، ރަޖިސްޓްރީކޮށްފައިވާ ހުރިހާ ކުންފުންޏެއްގެ ނަމާއި ހިއްސާދާރުންގެ މައުލޫމާތު ފެންނަން އެބަހުއްޓެވެ. އަދި ސްރީލަންކާގައިވެސް އެފަދައިން ހޯދެން ހުރިއިރު އެމްއެންއެންގެ އެޑިޓަރު އެފަދަ އެއްވެސް ތަހުގީގެއް ނުކުރައްވައި ހިތު ލަފަޔަށް އެއްޗެތި ލިޔުމުން ފާޅުވަނީ އެޑިޓަރުގެ ފެންވަރާއި ނޫހުގެ ފެންވަރެވެ." ފަޒްނާގެ ބަޔާނުގައިވެ އެވެ.

އެމްއެންއެންގައި ޝާއިއުކޮށްފައި ލިޔުމުގައި ބުނީ ޓެކްސްއިން ރެެކެންވެގެން ފަޒްނާގެ އެސެޓްތައް މޮރިޝަސްގެ އޮފްޝޯ ބޭންކް އެކައުންޓަކަށް ޓްރާންސްކޮށްފައިވާ ކަމަށެވެ. އެގައުމުގައި ފަޒްނާ ވިޔަފާރިއެއް ހިންގާ ކަމަށްވެސް އެ ނޫހުން ތުހުމަތުކޮށްފައިވެެ އެވެ.

ފަޒްނާ ވަނީ އެތުހުމަތުތަކަށްވެސް އިންކާރު ކުރައްވައިފަ އެވެ. އެކަމަނާ ވިދާޅުވީ މޮރިޝަސްގެ ބޭންކަކަށް ފައިސާއެއް ޓްރާންސްފާކުރި ނަމަ އެ ބޭންކުގެ ނަމާއި އަދި ވިޔަފާރިއެއް ކުރާނަމަ އެ ހާމަކުރުމަށް އެދިވަޑައިގެންފަ އެވެ. އެކަމުގައި މޮރިޝަސްގެ މަސްއޫލުވެރިއެއްގެ ބަހެއްހާ ހިސާބެއް ވެސް ހިމަނާފައިނުވާތީ އެކަމަށް ފަޒުނާ ވަނީ ފާޑުވިދާޅުވެފަ އެވެ.

އެމްއެންއެންގެ ލިޔުމުގައި ޝާއިއުކޮށްފައިވާ ރަސްމީ ލިޔެކިޔުންތަކަކީ "ފޭކް" ލިޔުންތަކެއްކަމަށް ދޭހާވާގޮތަށް ވެސް ފަޒްނާ ވަނީ ވާހަކަ ދައްކަވައިފަ އެވެ.

"ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 310 ވަނަ މާއްދާ ކަމުގައިވާ ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި، އެ ހަދާ ލިޔުންތައް ނަކަލުކުރުމާއި އަގުހުރި އެއްޗެތި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމަކީވެސް ކުށެކެވެ. އަދި 311 ވަނަ މާއްދާގެ ދަށުން ލިޔުމާއި ރެކޯޑާއި ވަސީލަތްތަކާއި ބެހުމަކީވެސް ކުށެކެވެ. އަދި 313 ވަނަ މާއްދާގެ ދަށުން އޮޅުވާލުމުގެ އަމަލުތައް ހިންގުމަކީވެސް ކުށެކެވެ. ވީމާ މިކަމާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު މި ފާމްގެ ފަރާތުން ކުރިއަށް ގެންދާނެކަމުގައި ދަންނަވަމެވެ." ފަޒްނާގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް