ފަތުރުވެރިންނަށް ރިސޯޓުން ރަށު ގެސްޓްހައުސްއަށްވެސް ދެވޭ ގޮތަށް ހަދައިފި

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގެ ރިސޯޓަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ރަށްރަށުގެ ގެސްޓްހައުސްތަކުގައިވެސް ޗުއްޓީ ހޭދަކުރެވޭގޮތަށް ސްޕްލިޓް ސްޓޭ ހުއްދަ ދޭން ނިންމައިފި އެވެ.

ސްޕްލިޓް ސްޓޭ އަކީ، އެއް ޗުއްޓީ ދަތުރުގައި އެންމެ ފެސިލިޓީއެއް ގައި ޗުއްޓީ ހޭދަކުރުމުގެ ބަދަލުގައި ދެ ފެސިލިޓީއެއް ނުވަތަ އެއަށްވުރެ ގިނަ ފެސިލިޓީތަކުގައި ޗުއްޓި ހޭދަކުރުމެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށްފަހު، ސްޕްލިޓް ސްޓޭ ހުއްދަ އޮތީ، ހަމަ އެކަނި އެއް ރިސޯޓުން އަނެއް ރިސޯޓަށް އެކަންޏެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ، ރިސޯޓު އަދި ސަފާރީގައިވެސް ޗުއްޓީ ހޭދަކުރެވޭގޮތަށް ސްޕްލިޓް ސްޓޭ ހުއްދަ ދޭން ނިންމާފައެވެ.

އެ ނިންމުމާއެކު މާ ގިނަ އިރުތަކެއް ނުވެ ފަހުން، އެ މިނިސްޓްރީން ވަނީ، ހުރިހާ ބާވަތެއް ޓޫރިސްޓް ފެސިލިޓީތަކުގައިވެސް ސްޕްލިޓް ސްޓޭ ހޭދޭނެ ކަން އިއުލާންކޮށްފައެވެ.

އެހެން ކަމުން ރިސޯޓު، ސަފާރީ އަދި ގެސްޓްހައުސްތަކުގައިވެސް ސްޕްލިޓް ސްޓޭގެ ހުއްދަ މިހާރު މި ވަނީ ދީފައެވެ.

ރަށު ގެސްޓްހައުސްތައް ހުޅުވަން ފެށީ މިމަހު 15 ވަނަ ދުވަހުއެވެ.

މިދިޔަ ޖުލައި މަހު 15 ވަނަ ދުވަހުން ފެށިގެން 31،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ، ބޯޑަރު ހުޅުވާލިފަހުން 120،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މާޗު 27 ގައި ބަންދު ކުރި އިރު އަހަރުގެ ފުރަތަމަ ތިންމަހުގެ ތެރޭ 380،000 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 1.77 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

comment ކޮމެންޓް