މިފަހަރުގެ އެލްކުލެސިކޯ: ދެ ޓީމުގެ ހާލަތު ވެސް ދާދި ހަމަހަމަ

މެސީ ބާސާއަށް ކާމިޔާބުކޮށްދިން 500 ވަނަ ލަނޑު ފޮނުވާލަނީ، އަދި މިއީ 15 ލަނޑާއެކު އެލް ކްލެސިކޯގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލި ލަނޑު -- ފޮޓޯ: ގެޓީ

ދުނިޔޭގެ ކުލަބް ފުޓުބޯޅައިގެ އެންމެ ވާދަވެރި ދެ ކުލަބުކަމަށްވާ ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ވަރުގަދަ ކުރިމަތިލުން، އެލްކުލެސިކޯއަށް އަނެއްކާވެސް މިއޮތީ ކައިރިވެފަ އެވެ. މާދަމާ ރޭ ކުޅެވޭ އެ މެޗަށް ދެ ޓީމުވެސް އޮތީ ތައްޔާރަށެވެ. އެހެން ނަމަވެސް ގިނަބައެއްގެ ކަންބޮޑުވުމަކީ ދެ ޓީމުވެސް މިހާރު އޮތީ ގޯސް ހާލަތެއްގައި ކަމެވެ.

ޒަމާނުއްސުރެން ސަޕޯޓަރުންގެ ތެރޭގައި ވެސް އެންމެ ވާދަވެރިކަން އޮންނަ ދެ ކުލަބުގެ މި ކުރިމަތިލުމަށް ނުކުންނަ އިރު، ސްޕެނިޝް ލީގުގައި ދެ ޓީމުވެސް އޮތީ އެންމެ އެދެވޭ ހިސާބެއްގައެއް ނޫނެވެ. ފުރަތަމަ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. ބާސެލޯނާ އޮތީ އެއް މެޗުން މަދުން ކުޅެގެން ހަތް ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ. ދެ ޓީމު ވެސް ލީގުގައި ކުޅުނު ފަހު މެޗުން ބަލިވީ އެވެ.

ބޮޑު ކުރިމަތިލުމުގެ ކުރިން ދެ ޓީމުގެ ފޯމުވެސް ރަނގަޅު މިސްރާބެއްގައި އޮތްކަމަށް ނަންބަރުތަކުން ވެސް ފެންނަން އޮތް އިރު، ދެ ޓީމުވެސް އެންމެ ފަހުން މެޗު ކުޅެފައި ވަނީ ޗެމްޕިއަންސް ލީގުގަ އެވެ. އަމިއްލަ ދަނޑުގައި ދެ ޓީމުވެސް މެޗުތައް ކުޅުނު އިރު 1-5 އިން ބާސެލޯނާ ވަނީ ހަންގޭރީގެ ފެރެންސްވަރޯސް ބަލިކޮށްފަ އެވެ. އެކަމަކު ކޮވިޑްގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް މެޗުގައި ބައިވެރި ނުވެވުނު ޝަކްތަރު ޑޯނެސްކް ވަނީ ރެއާލް މެޑްރިޑް 2-3 އިން ބަލިކޮށްފަ އެވެ.

ކޮންމެ ގޮތެއް ވިޔަސް އެހެން މެޗުތަކުގައި ދެ ޓީމުގެ ފަރާތުން ވެސް ފެންނަ ކުޅުމަށް ވުރެން އެލްކުލެސިކޯގެ މެޗެއްގައި ފެންނަ ކުޅުން ހާސްބައި ތަފާތެވެ. އެހެން މެޗުތަކުގައި ނުފެންނަ ފޯރިއާއި، ހިތްވަރު ކުޅުންތެރިން އެ މެޗުގައި ދައްކާނެކަން ޔަގީނެވެ. އެކަމަކު ކޭމްޕް ނޫގައި މިފަހަރު ވާނޭ ގޮތެއް ބުނަން ދަތިވަނީ ދެ ޓީމުވެސް އޮތް ހާލަތު ދާދި ހަމަހަމަ ވީމަ އެވެ.

ބާސެލޯނާއިން މިފަހަރުގެ ސީޒަނާ ކުރިމަތިލީ ކުލަބުގެ އެތެރޭގެ ބޮޑު ހާޖާނެއްގެ ތެރޭގައި އޮވެ އެވެ. އެ މައްސަލަގަނޑު ބޮޑުވެ އެތައް ކުޅުންތެރިންނަކަށް އެކަމަގެ ނޭދެވޭ އަސަރު ފޯރާފައި އޮތް އިރު އަދިވެސް ކަންތައް މުޅިއަކުން ރަނގަޅެއް ނޫނެވެ. މެނޭޖްމެންޓާ ދެކޮޅަށް ބައެއް ކުޅުންތެރިން ފާޅުގައި ބަސް ބުނަމުންދާ އިރު، ކުލަބުގެ މެމްބަރުން މަސައްކަތް ކުރަނީ މެނޭޖްމެންޓް ބަދަލު ކުރުމަށް ނޯ ކޮންފިޑެންސް ވޯޓު ނަގައިށެވެ.

އެކަންތައްގަނޑާ ހުރެ ބާސެލޯނާގެ ކުޅުމަށް ވެސް ކޮންމެސް ވަރެއްގެ އަސަރެއް ކޮށްފައި އޮތް އިރު، އިދިކޮޅު ރެެއާލް މެޑްރިޑް ވެސް އޮތީ ނުބައި ފައްތަރެއްގަ އެވެ. ޓްރާންސްފާ މާކެޓުގައި މުހިއްމު ކުޅުންތެރިންތަކެއް ކުލަބު ދޫކޮށްލި އިރު، އައު ކުޅުންތެރިންތަކެއް ބަދަލެެއްގެ ގޮތުގައި ގެނެސްފައެއް ނުވެ އެވެ. އަނެއްކޮޅުން ޓީމުގައި ތިބި މުހިއްމު ކުޅުންތެރިން ކަމަށްވާ ސާޖިއޯ ރާމޯސް އާއި އެޑެން ހަޒާޑުވެސް ހުރީ އަނިޔާވެފަ އެވެ.

ދެ ޓީމުގެ ހާލަތު އެކަލަ ގޮތަކަށް އޮތް ނަމަވެސް އާ ސީޒަނާ އެކު އެންމެ ގިނަ ބަޔަކު ފާހަގަ ކުރި އެއްކަމަކީ ދެ ޓީމުގެ ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަމެވެ. ބާސެލޯނާގެ އަންސޫ ފާޓީއާއި ޕެޑްރީ ވިދާލި އިރު، ރެއާލްގެ ވިނިޝަސް ޖޫނިއާ ތަފާތު ދައްކަ އެވެ. އެހެން ކަމުން މިފަހަރުގެ ކުލެސިކޯގައި ޒުވާން ކުޅުންތެރިންގެ ހިއްސާ ބޮޑުވާނެ އެވެ.

comment ކޮމެންޓް