ދިވެހި ޒުވާނުން އާންމުކޮށް އަދާކުރާ ވަޒީފާއަކީ ކޭޝިއަރުކަން

ޖުލައި 5، 2016: ފިތުރު އީދަށް ތައްޔާރުވުމުގެ ގޮތުން މީހުން ވިޔަފާރިކުރުމުގައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

ރާއްޖޭގައި ވަޒީފާ އަދާކުރާ ޒުވާނުން އެންމެ ގިނަ އަދަދަކަށް އަދާކުރަނީ ކޭޝިއަރުކަން އަދި ޓިކެޓް ކްލާކުންގެ ވަޒީފާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެންބީއެސް އިން މި އަހަރުގެ ޒުވާނުންގެ ދުވަހާއި އަމާޒުކޮށް ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ޒުވާނުންގެ އާބާދީ ހުރީ 260،584 ގަ އެވެ. އޭގެ ތެރޭގައި އަތޮޅުތެރޭ ރަށްތަކުގައި 105،042 ޒުވާނުން ދިރިއުޅެމުންދާއިރު ވެރިރަށް މާލޭގައި 135،541 ޒުވާނުން ދަނީ ދިރިއުޅެމުންނެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި ޒުވާނުން އެންމެ ގިނައިން ވަޒީފާ އަދާކޮށްފައިވަނީ ކޭޝިއަރުން އަދި ޓިކެޓް ކްލާކުންގެ ގޮތުގަ އެވެ. އެންބީއެމްއިން ކުރިޔަށްގެންދިޔަ ދިރާސާތަކަށް ވަނީ 5،340 ޒުވާނުން މިފަދަ ވަޒީފާތަކުގައި އުޅޭކަން ހޯދިފަ އެވެ.

އޮފީސް ކްލާކުންގެ ގޮތުގައި 4،136 ޒުވާނުން މަސައްކަތްކުރާއިރު އެޑްމިނިސްޓްރޭޓިވް އަދި އެގްޒެކިޓިވް ސެކްރެޓަރީ ފަދަ ދާއިރާތަކުގައި 3،339 ޒުވާނުން ދަނީ މަސައްކަތްކުރަމުންނެވެ.

ހޮޓެލް، އޮފީސް އަދި އެހެނިހެން ތަންތަނުގައި އެހީތެރިވުމަށް އަދި ސާފުކުރާ މީހުންގެ ގޮތުގައި 1،465 ޒުވާނުން މަސައްކަތްކުރާ ކަމަށް އެންބީއެސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގެ ވަޒީފާއަދާކުރާ ޒުވާނުންގެ ނިސްބަތް ހުރީ 69.9 ޕަސެންޓުގަ އެވެ. އަންއެމްޕްލޮއިމެންޓް ރޭޓް ނުވަތަ ވަޒީފާ އަދާނުކުރާ ނިސްބަތް ޒުވާނުންގެ މެދުގައި ހުރީ 7.3 ޕަސެންޓުގަ އެވެ.

އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދު ސިވިލް ސާވެންޓުންގެ ގޮތުގައި މަސައްކަތްކުރާ ޒުވާނުންގެ އަދަދު ހުރީ 12،471ގަ އެވެ. ސިވލް ސާވެންޓުންގެ ގޮތުގައި ގިނައިން މަސައްކަތް ކުރާ ޒުވާނުންނަކީ އަންހެނުން ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ވަޒީފާގައި ޒުވާނުން އެވްރެޖް ގޮތެއްގައި ހޭދަކުރާ ވަގުތަކީ ދުވާލަކު އަށް ގަޑި އިރެވެ. އަދި ގޭތެރޭގެ މަސައްކަތުގައި ހޭދަކުރާ ވަގުތުކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ތިން ގަޑި އިރެވެ.

comment ކޮމެންޓް