ތިން މަސްތެރޭ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް، މިނިސްޓަރުގެ ޝުކުރު ހާރިޖިއްޔާއަށް

ޓުއަރިޒަމް މިނިސްޓަރ މައުސޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑު 19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިތާ ތިން މަސްވެފައިވާއިރު ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޯޑަރު ހުޅުވާލިފަހުން ތިން މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަޑުމަޑުން އިތުރުވަމުންދާ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވަނީ ޓޫރިޒަމް ކުރިއަރުވައި ރާއްޖެ އިޝްތިހާރުކުރުމުގައި ފޮރިން މިނިސްޓްރީގެ ދައުރު ފާހަގަކުރައްވައި، އެ މިނިސްޓްރީގެ ޓީމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"މަޑުމަޑުން ވިޔަސް ރާއްޖޭގެ ފަތުރުވެރިކަން މިދަނީ ކުރިއަރަމުން، ހާއްސަ ޝުކުރެއް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށާއި ހާރިޖިއްޔާގެ ޓީމަށް، އަދި ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ މިޝަންތަކަށް. ޓޫރިޒަމް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 21ގެ ނިޔަލަށް 31،801 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިނިސްޓަރު މައުސޫމު މީގެ ކުރިން ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތްތަނުގައި އެއްލައްކަ ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށާއި މިއަހަރު ޖުމްލަ 500،000 ފަތުުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.

މާޗު 27 ގައި ބޯޑަރު ބަންދު ކުރުމުގެ ކުރިން 382،760 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ފިނި މޫސުމާއި އާ އަހަރުގެ ސީޒަނާ ދިމާކޮށް އާ އެއާލައިންތަކުން ރާއްޖެ އަށް ދަތުރު ފވަށަން ތައްޔާރުވެފައިވާއިރު ފަތުރުވެރިން އަންނަ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް