އެންމެ ގިނަ ފަސިންޖަރުން އުފުލީ އެމިރޭޓްސް އިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ: ވީއައިއޭ/ޓްވިޓާ

ކޮވިޑު19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އެންމެ ގިނަ ފަސިންޖަރުން ރާއްޖެ އުފުލީ އެމިރޭޓްސް އިން ކަމަށް ތަފާސް ހިސާބުތައް ދައްކައިިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ޖުލައި 15 އާއި މި މަހުގެ 14 ވަނަ ދުވަހާ ދެމެދު އެމިރޭޓްސް އިން ރާއްޖެ އައި ފަސިންޖަރުންގެ އަދަދު 13,379 އަށް އަރަ އެވެ. އެ އެއާލައިނުގެ ފްލައިޓު މޫމަންޓު އުޅެނީ 162 ގައެވެ.

ދެން އެންމެ ގިނަ ފަސިންޖަރުން ރާއްޖެ އުފުލީ ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން 13,250 ފަސިންޖަރުން ރާއްޖެ އައިސްފައިވާއިރު 192 ފްލައިޓު މޫމަންޓް ރެކޯޑު ކުރެވިފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަސިންޖަރުން އުފުލި އޭރޯފްލޯޓުން 3,961 ފަސިންޖަރުން ރާއްޖެ އައިސްފައިވާއިރު 24 ފްލައިޓު މޫމަންޓް ރެކޯޑު ކުރެވިފައިވެ އެވެ.

އިންޑިގޯގެ 50 ފްލައިޓު މޫމަންޓާ އެކު 2,551 ފަސިންޖަރުން އެ އެއާލައިނުގައި ރާއްޖެ އައިސްފައިވެ އެވެ. ޓާކިޝް އެއާލައިންސްގެ 108 ފްލައިޓު މޫމަންޓް ރެކޯޑު ކުރެވިފައިވާ އިރު 2,160 ފަސިނޖަރުން އެ އެއާލައިނުން ރާއްޖެ އައިސްފައިވެ އެވެ.

މީގެ އިތުރުން އެއާ އިންޑިއާގެ 16 ފްލައިޓު މޫމަންޓާޢެކު 903 ފަސިންޖަރުން، ބްރިޓިޝް އެއާވޭސްގެ ދެ ފްލައިޓު މޫމަންޓުގައި 127 ފަސިންޖަރުން ރާއްޖެ އައިސްފައިވެ އެވެ.

އެޑެލްވައިސްގެ ހަތަރު މޫމަންޓް ރެކޯޑު ކުރެވިފައިވާ އިރު އެ އެއާލައިނުން 142 ފަސިންޖަރުން އައިސްފައިވެ އެވެ. އިއްތިހާދު އެއާވޭސްގެ 72 ފްލައިޓު މޫމަންޓް ރެކޯޑު ކުރެވިފައިވާއިރު އެ އެއާލައިނުން ރާއްޖެ އައި ފަސިންޖަރުންގެ އަދަދަކީ 886 އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކުގައި 2،152 ފަސިންޖަރުން ރާއްޖެ އައިސްފައިވާއިރު ފްލައިޓު މޫމަންޓް އުޅެނީ 62ގަ އެވެ.

އިންޑިއާގެ ސްޕައިސް ޖެޓުން 274 ފަސިންޖަރުން ރާއްޖެ އައިސްފައިވާ އިރު އެ އެއާލައިނުގެ ފްލައިޓު މޫމަންޓަކީ 32 އެވެ. ސްރީލަންކަންގެ 134 ފްލައިޓު މޫމަންޓް ރެކޯޑު ކުރެވިފައިވާ އިރު 1،786 ފަސިންޖަރުން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން ޓާކިޝް އެއާލައިންސްގެ 108 ފްލައިޓު މޫމަންޓުގައި 2،160 ފަސިންޖަރުން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 14 އިން އޮކްޓޯބަރު 14 އަށް ޖުމްލަ 41،571 ފަސިންޖަރުން ރާއްޖެ އައިސްފައިވެ އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުލައި 15 އިން އޮކްޓޯބަރު 14ގެ ނިޔަލަށް 31،801 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އޭގެ ތެރޭ ހިމެނެނީ ޖުލައި މަހުގެ 15 އިން 31 އަށް އައި1،752 ފަތުރުވެރިންނާއި އޮގަސްޓު މަހު އައި7،628 ފަތުރުވެރިންގެ އިތުރުން ސެޕްޓެމްބަރު މަހު އައި 9،538 ފަތުރުވެރިންނެވެ. އޮކްޓޯބަރު މަހުގެ އެކަކުން 21ގެ ނިޔަލަށް 12،934 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މާޗު މަހުގެ 27ގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމައަށް 382،760 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެއީ އެވްރެޖުކޮށް ދުވާލަކު4،206 ފަތުރުވެރިންނެވެ. ޓޫރިަމްގެ ތަފާސްހިސާބަށް ބަލާއިރު، ޖެނުއަރީ އެކަކުން އޮކްޓޯބަރު 21ގެ ނިޔަލަށް ޖުމްލަ 414,648 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ އެކު ފަތުރުވެރިކަން މަޑުޖެހުނު ނަމަވެސް އަހަރުގެ ބާކީ އޮތްތަނާއެކު ޖުމްލަ ފަސް ލައްކަ ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ. ފިނިމޫސުމާއި އާއަހަރާ ދިމާކޮށް ގިނަ އެއާލައިންތަކަކުން ރާއްޖެ އަށް ދަތުރު ފަށާއިރު މިހާރު ދަތުރުކުރާ އެއާލައިންތަކުގެ ދަތުރުތައް އިތުރު ކުރަން ނިންމާފައިވާ އިރު، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރު ވާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް