ރާއްޖެ ޔޫކޭގެ ރައްކާތެރި ލިސްޓަށް، އެނބުރި ގޮސް ކަރަންޓީނުވާކަށް ނުޖެހޭނެ

ޖުލައި 15، 2020: ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ އެކު ރާއްޖެ އައި ޓޫރިސްޓަކު އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ ޒިޔާރަތް ކުރުމަށް ފަހު އިނގިރޭސިވިލާތަށް އެނބުރި ދާ ރައްޔިތުން އެ ގައުމުގައި ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައި އިނގިރޭސިން ދަތުރުކުރަން "ރައްކާތެރި މަންޒިލެއް"ގެ ގޮތުގައި ރާއްޖެ ކަނޑައަޅައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން އިނގިރޭސިން ދަތުރުކުރުމަށް ލުއި ދޭ ގައުމުތައް ހިމަނައި އިނގިރޭސި ފޮރިން އޮފީހުން ނެރޭ "ޓްރެވަލް ކޮރިޑޯ" ލިސްޓަށް ރާއްޖެ ވަނީ މިއަދުގެ ވަގުތެއްގައި އިތުރުކޮށްފަ އެވެ. އެ ލިސްޓަށް ރާއްޖެ ލުމާ އެކު އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެއިން އިނގިރޭސިވިލާތަށް ދާ މީހުން 14 ދުވަހަށް އައިސޮލޭޓް ވާކަށް ނުޖެހޭނެ ކަމަށް ރާއްޖެއާ ބެހޭ ގޮތުން ފޮރިން އޮފީހުން އަޕްޑޭޓްކުރި ޓްރެވަލް އެޑްވައިޒަރީގައިވެ އެވެ.

ރާއްޖެއާއެކު އިތުރު ދެ ތަނެއް އިނގިރޭސީވިލާތުން ވަނީ އެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެގޮތުން ގްރީސްގެ މިކޮނޮސް އާއި ސްޕެއިންގެ ކެނަރީވެސް އެ ލިސްޓަށް ވަނީ އިތުރުކޮށްފަ އެވެ. އަދި ލިސްޗެސްޓައިން ވަނީ އެ ލިސްޓުން އުނިކޮށްފަ އެވެ.

އެ ބަދަލާ ގުޅިގެން ރާއްޖޭގައި ހުންނަ އިނގިރޭސި އެމްބަސީން ނެރުނު ބަޔާނެއްގައި އެމްބެސެޑަރު ކެރޮން ރޮސްލާ ވިދާޅުވީ އެގޮތަށް ހަމަޖެހުމާ އެކު އިނގިރޭސި ރައްޔިތުންނަށް ރާއްޖެ އަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި މިވަގުތަށް ކަނޑައެޅިފައިވާ ކަމަށެވެ. އަދި އިނގިރޭސި ޓޫރިސްޓުން ރާއްޖެ އައުމަށް އޮތް އެންމެ ބޮޑު ހުރަސް މިވަގުތަށް ނައްތާލެވިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ދަތުރުކުރުން ރައްކާތެރި ގައުމުތަކުގެ ލިސްޓަށް އިނގިރޭސިވިލާތުން ބަދަލުގެންނަމުން ދަނީ ގައުމުތަކުގައި ކޮވިޑުގެ ހާލަތު ބެލުމަށް ފަހު އެވެ.

މިބަދަލު މިގޮތުގައި ދެމެހެއްޓުމަށް ޓަކައި މާލޭ ސަރަހައްދުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށުގައި ބަހައްޓަން ޖެހޭ ކަމަށް އެމްބެސެޑަރު ރޮސްލާ ވަނީ ބަޔާނުގައި ފާހަގަކުރައްވައިފަ އެވެ. އަދި މިހިސާބަށް ދެވުނީ ސަފީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޭސްތައް ވަރަށް ބޮޑަށް ދަށްވެފައިވުމާއި އެޗްޕީއޭ އާއި ސިއްހީ ހިދުމަތްތެރިން އަދި ޓޫރިޒަމް ދާއިރާގެ ހުރިހާ ސްޓޭކް ހޯލްޑަރުން ގުޅިގެން ކުރެވުނު އެތައް މަސައްކަތްތަކަކުންނެވެ.

މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ރާއްޖެެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ ދުވާލެއްގެ މައްޗަށް 50 ކޭހަށް ވުރެ ދަށްކޮށްފަ އެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް މާކެޓެވެ. ކޮވިޑަށް ބަންދުކުރުމަށް ފަހު ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން އިނގިރޭސިވިލާތަކީ ހަތަރު ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން ބޯޑަރު ހުޅުވިފަހުން ޔޫކޭއިން، 2،605 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ޔޫކޭއިން އައި ޓޫރިސްޓުންނަކީ ބޯޑަރު ހުޅުވިފަހުން ރާއްޖެ އައި، ޖުމްލަ 31،801 ޓޫރިސްޓުންގެ 8.1 ޕަސެންޓެވެ.

ރާއްޖެ އާއި ޔޫކޭއާ ދެމެދު ބްރިޓިޝް އެއާވޭސްގެ ސީދާ ދަތުރުތައް ވެސް މި މަހުގެ 17 ވަނަ ދުވަހު ވަނީ އަލުން ފަށައިފަ އެވެ.

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔުޓީޓީސީ) އިން ދޭ ސޭފް ޓޫރިޒަމް ސްޓޭމްޕް ވެސް ރާއްޖެއަށް ލިބިފައިވެ އެވެ. ސަރުކާރުން އަމާޒު ހިފައިފައިވަނީ މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެއްލައްކަ ފަތުރުވެރިން ރާއްޖެ ގެންނާށެވެ.

comment ކޮމެންޓް