ޓޫރިޒަމްގެ ބިޑް މީޓިންއެއްގައި "ބަރަހަނާ" މަންޒަރުތަކެއް، މައްސަލަ ފުލުހަށް

ޓޫރިޒަމް މިނިސްޓްރީން މިއަދު އޮންލައިންކޮށް ބޭއްވި ޕްރީބީޑް ބައްދަލުވުމެއްގައި ބައިވެރިވި ފަރާތަކުން ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބަރަހަނާ މަންޒަރުތަކެއް ބައިވެރިއަކު އެޅުވީ، ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ހއ. އުލިގަން ޓޫރިޒަމް މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރީބިޑް ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން "ސަން"އަށް ބުނީ، ބަރަހަނާ މަންޒަރު އެޅުވީ، އެ ބައްދަލުވުމުގައި ބައިވެރި އާންމު ފަރާތަކުން ކަމަށެވެ. އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބައްދަލުވުން ވަގުތުން މެދުކަނޑާލި ކަމަށް ވެސް އެނގިފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، ބަރަހަނާ މަންޒަރު އެޅުވި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެއީ ހުޅުވަލައިގެން ބޭއްވި ބައްދަލުވުމެއް. ބޮޑަށް ބެލެވެނީ އެއީ ސޮފްޓްވެއާ ހެކް ކޮށްގެން ކުރި ކަމެއް ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޮޑަށް ބެލެވެނީ އެއީ ޖެއްސުން ކުރުމުގެ ގޮތުން މީހަކު ކުރި ކަމެއް ކަމަށެވެ.

އެ މަންޒަރުތައް އެޅުވި ވަގުތު އެ މަޝްރޫއަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ވެސް ބައްދަލުވުމުގައި ބައިވެރިވެ ތިއްބެވެ. އެހެން ނަމަވެސް، ފަހުން ބައްދަލުވުން ބާއްވާ ވަނީ މައުލޫމާތު ދީފަ އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

comment ކޮމެންޓް