އިންޑިއާގެ ބޯޑަރުތައް ބޭރު މީހުންނަށް ހުޅުވާލަން ނިންމައިފި

އިންޑިއާގެ ބޯޑަރުތައް ބޭރު މީހުންނަށް ހުޅުވާލަން އެގައުމުގެ ސަރުކާރުން ވަނީ ނިންމާފަ -- ފޮޓޯ: އޭއެފްޕީ

ދިއްލީ (އޮކްޓޯބަރު 22): ކޮރޯނާވައިރަސް ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން އިންޑިއާއަށް ބޭރު މީހުން ދިޔުން މަނާކޮށްފައި އޮންނަތާ މަސްތަކެއްވީ ފަހުން އެގައުމުގެ ބޯޑަރުތައް ބޭރު މީހުންނަށް ހުޅުވާލަން ނިންމައިފި އެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ފަތުރުވެރިކަން ނޫން އެހެން ސަބަބުތަކަށް އެގައުމަށް ބޭރު މީހުން ދިޔުން ހުއްދަ ކުރަން އެގައުމުގެ ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. އަދި އެގޮތަށް ހުއްދަ ދޭ މީހުންގެ ތެރޭގައި އޯވަސީސް ސިޓިޒެން އޮފް އިންޑިއާ (އޯސީއައި) ކާޑާއި ޕާސަން އޮފް އިންޑިއަން އޮރިޖިން (ޕީއައިއޯ) ކާޑު އޮންނަ މީހުންވެސް ހިމެނޭނެ އެވެ.

"އިންޑިއާއަށް އަންނަން ނުވަތަ މިގައުމުން ފުރައިގެން ދާން ބޭނުންވާ ރައްޔިތުންނަށާއި ގިނަ ކެޓެގަރީތަކަށް ނިސްބަތްވާ ބޭރު މީހުންނަށް ވިސާ ދިނުން ފަސޭހަކޮށް، ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތައް ލުއި ކުރަން ސަރުކާރުން ވަނީ ނިންމާފަ. އެހެންކަމުން، ޓުއަރިސްޓު ވިސާގައި އަންނަ މީހުން ފިޔަވާ އެހެން ހުރިހާ ބޭރުގެ ރައްޔިތުންނަށްވެސް [އިންޑިއާއަށް އަންނަން] ހުއްދަ ދޭން ވަނީ ނިންމާފަ،" ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ބޭރު މީހުންނަށް އެގައުމަށް ދެވޭނެ ގޮތްތަކަކީ، ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ގައުމުން ބޭރުގައި ތާށިވެފައިވާ މީހުން އަމިއްލަ ގައުމަށް ގެންދިޔުމަށް ކުރިއަށް ގެންދާ ވަންދޭ ބާރަތު މިޝަންގެ ފްލައިޓުތަކުންނާއި 'އެއާ ޓްރެވެލް ބަބުލް' ހަދާފައިވާ ގައުމުތަކާ ދެމެދު ކުރާ ދަތުރުތަކާއި އިންޑިއާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ހުއްދަ ދޭ އެހެން ކޮމާޝަލް ފްލައިޓުތަކުންނެވެ.

މީގެ އިތުރުން، އިލެކްޓްރޯނިކް ވިސާ އާއި ޓުއަރިސްޓު ވިސާ އާއި މެޑިކަލް ވިސާތައް ފިޔަވާ ބޭރު މީހުންގެ އަތުގައި މިހާރު އޮތް ހުރިހާ ވިސާއެއް ވެސް ބޭނުން ކުރަން ހުއްދަ ދޭން އިންޑިއާ ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ގައުމުން ބުނި ގޮތުގައި އެ ގައުމަށް ބޭސް ފަރުވާއަށް ދާން ބޭނުންވާ މީހުން ޖެހޭނީ އާ މެޑިކަލް ވިސާއަކަށް އެދޭށެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މާޗް 11އިގައި ވިސާ ދިނުން ހުއްޓާލި އިންޑިއާއަކީ މިހާރު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ކޮވިޑް ކޭސްތައް ރެކޯޑުކޮށްފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 7.7 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 116,616 މީހަކު ވަނީ މަރުވެފަ އެވެ. އިންޑިއާއިން ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން ހާލު ރަނގަޅުވެފައި ވަނީ 6.9 މިލިއަން މީހުންނެވެ.

comment ކޮމެންޓް