ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއެކު ރާއްޖޭގައި ރެކޯޑެއް ހަދަނީ

ރާއްޖޭގައި ރެކޯޑެއް ގާއިމުކުރުމަށްޓަކައި އިންޑިއާގެ ޖަމިއްޔާއެއްކަމަށްވާ ކްލޯ އާއި އެމްއައިޓީޑީސީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : އެމްއައިޓީޑީސީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ރިކޯޑުތަކެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއަކާ ގުޅިގެން މަސައްކަތް ކުރުމަށްޓަކައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއައިޓީޑީސީއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ ތަފާތު ތިން ރެކޯޑެއް ހެދުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ކޮންކާ ލޭންޑް، އެއާ، ވޯޓާ، ގްލޯބަލް އެޑްވެންޗާސް" (ކްލޯ) އާއެކުގައެވެ.

އިންޑިއާގެ ޖަމިއްޔާއެއް ކަމަށްވާ ކްލޯއިން، "އޮޕަރޭޝަން ބްލޫ ފްރީޑަމް"ގެ ނަމުގައި އެ ހަރަކާތް ލޯންޗުކޮށްފައިވަނީ މިދިޔަ އަހަރުގައެވެ. އެ ތިން ރެކޯޑު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ތިން ގައުމެއްގައެވެ. އެއީ ރާއްޖެ، އިންޑިއާ އަދި ދުބާއީގައެވެ. އެގޮތުން އެ އިވެންޓުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބައިވެރިވެ ފަރުބަދަ މައްޗަށް އެރުމާއި ސްކައިޑައިވް ކުރުމާއި ސްކޫބާ ޑައިވް ކުރާނެއެވެ.

ރާއްޖޭގައި ސްކޫބާ ޑައިވްގެ ރެކޯޑު ގާއިމުކުރުމަށް މަސައްކަތް ކުރާއިރު އިންޑިއާގައި ކުރިއަށް ދާނީ ފަރުބަދައަށް އެރުމެވެ. އަދި ދުބާއީގައި ކުރިއަށްދާނީ ސްކައި ޑައިވް އިވެންޓެވެ.

އެމްއައިޓީޑީސީ އިން ބުނެފައިވަނީ އެފަދަ ހަރަކާތެއްގެ ސަބަބުން ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަކީވެސް ގާބިލު އަދި ހުނަރުވެރި ބައެއްކަން ދުނިޔެއަށް ދައްކުވައިދޭނެ ކަމަށެވެ.

ރާއްޖޭގައި ސްކޫބާ ޑައިވިން ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗު މަހުގެ ތެރޭގައެވެ.

އެ އިވެންޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ އެ އިވެންޓު ރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ ރާއްޖޭގެ ކާމިޔާބު ފަތުރުވެރިކަމުގެ ސިލްސިލާއަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށެވެ.

ކްލޯގެ އިވެންޓަކީ ފަތުރުވެރިކަމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، ވަރަށް މާތް މަގުސަދެއްގައި ހިންގާ އިވެންޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ އިވެންޓުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާ މެދު ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެ، ދުނިޔޭގެ ކުރިމަތީގައި އިންޑަސްޓްރީގެ ގަދަރު އުފުލިގެންދާނެ ކަމަށްވެސް ރާއިދު ވިދާޅުވިއެވެ.

comment ކޮމެންޓް