ކަންކަމުގައި ގޮތް ނިންމާއިރު ޒުވާނުންގެ ހިޔާލު މުހިއްމު: ރައީސް

ރައީސް ސޯލިހު --- ފޮޓޯ: ރައީސް އޮފީސް

ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރެވޭނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީގެން ކަމަށާއި މުސްތަގުބަލާ ގުޅޭ ކަންތަކުގައި ގޮތް ނިންމާއިރު ޒުވާނުންގެ ހިޔާލު ހޯދުން މުހިއްމު ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ގައުމީ ޒުވާނުންގެ ދުވަހާ ގުޅިގެން ދިވެހި ޒުވާނުންނަށް ރައީސް ވަނީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފަ އެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ދައުރު މުހިއްމު ކަމަށެވެ.

"ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަށް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީ އިން ވަނީ ޒުވާނުންނަށް ހާއްސަ ކޭމްޕެއްވެސް ފަށައިފަ އެވެ. އެ ކޭމްޕު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވީ ޒުވާނުންނާ ގުޅުންހުރި ކަންތަކުގައި ގޮތް ނިންމާއިރު ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާ ކަމަށާއި ޒުވާނުންގެ ކުރިއެރުމަށް ކުރައްވާ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

comment ކޮމެންޓް