ސަރުކާރު އޮންނާނީ ޒުވާނުންގެ މަޝްވަރާ އާއި ބައިވެރިވުމާ އެކު: މަހުލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް -- ފޮޓޯ: ޔޫތު މިނިސްޓްރީ / ޓްވިޓާ

ދިވެހި ޒުވާނުންނަށް ދިމާވާ ދަތިތައް ހޯދާ، އެކަމަށް ހައްލު ގެނައުމަށް މި ސަރުކާރުންގެ ޒުވާނުންގެ މަޝްވަރާ އަބަދުވެސް ހޯދާކަމަށް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ގައުމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޔޫތު މިނިސްޓްރީ އިން ބާއްވާ ޔޫތު ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި ވާޗުލްއަލްކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ޒުވާންނާ ގުޅޭ ދާއިރާ ތަކުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ޒުވާނުންގެ ކުރިއެރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

މި ހުރިހާ ކަމަކާއެކު ވެސް އިސްލާހު ކުރަންޖެހޭ ކަންތައް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޒުވާނުންގެ ހިޔާލާއި މަޝްވަރާ އިތުރަށް ހޯދާ، ކަމާބެހޭ ވުޒާރާތަކާޢެކު އިތުރު މަސައްކަތްތަކެއްކޮށް، ޒުވާނުންނަށް އެކި ދާއިރާތަކުން ދިމާވާ ދަތިތަކަށް ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް މިހާރުވެސް އެކި މިނިސްޓްރީތަކާ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާކަން ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކަންކަން ރަނގަޅު ކުރުމަށް އަދި އިސްލާހު ކުރުމަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ އަދި ފާޑުކިޔުމަކީ އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށެވެ.

"މިފަދަ ކަންތަކުގައި ހިޔާލު ފާޅުކޮށް ހަދާއިރު އެފަދަ މައްސަލަތަކަށް ހައްލު ދައްކައިދިނުމަކީ ވެސް ޒުވާނުންގެ ކިބައިން އަޅުގަނޑު މިއަދު އެދޭ އެދުމެއް،" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާއިން ވެސް ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ގިނަ ފުރުސަތުތައް ޒުވާނުންނަށް ލިބިފައިވާ ކަމަށާއި، ޒުވާން ފަންނުވެރިންނަށް ވެސް ގިނަ ފުރުސަތުތައް ހޯދައިދެވިފައިވާ ކަމަށެވެ.

ޒުވާނުންގެ ކުރިއެރުމަށް މަސައްކަތް ކުރާނީ ދެ ޖިންސު ހަމަހަމަވާގޮތަށް ކަމަށާއި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުމުގައިވެސް ދެ ޖިންސުގެ ޒުވާނުން ބައިވެރިވާ ކުޅިވަރުތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު އިޝާރަތް ކުރެއްވިއެވެ.

އެކި ދާއިރާތަކުން އާ ހިޔާލާއި ވިސްނުންތަކާޢެކު ކުރިއަށްދާން ބޭނުން ޒުވާނުންނަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދިވެހި ޒުވާނުންނަށް ދެއްވައިފައެވެ.

comment ކޮމެންޓް