ކޮވިޑް 19: ލަންކާގެ ގާމަންޓް ފެކްޓްރީ ކްލަސްޓާއިން އިތުރު ސަބް ކްލަސްޓާތަކެއް

ލަންކާގައި ކޮރޯނާއިން ރައްކާތެރިވާން ޑިސްއިންފެކްޓްކުރަނީ--

ސްރީލަންކާގައި މިފަހުން ކޮރޯނާ ވައިރަސް ފެނުނު ގާމަންޓް ފެކްޓްރީގެ ކްލަސްޓާތަކުން އެހެން ކްލަސްޓާތައް އުފެދިފައިވާ ކަމަށް ލަންކާގެ ޗީފް އެޕިޑޮމޮލޮޖިސްޓް ޑރ. ސުދާތު ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ޕަބްލިކް ހެލްތު ބިއުރޯގެ ތަފާސް ހިސާބުތަކުގައި ވާގޮތުން އިއްޔެ އެކަނިވެސް އެގައުމުން ވަނީ 166 މީހުން ފެނިފަ އެވެ.

ލަންކާގެ މިނުވަންގޮޑާގެ ގާމަންޓް ފެކްޓްރީ ކްލަސްޓާއިން މިހާތަނަށް ވަނީ 2500 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެޕިޑޮމޮލޮޖިސްޓް ޑރ. ސުދާތު ވިދާޅުވީ ލަންކާގެ ގަމްޕަހާ ޑިސްޓްރިކްޓްއިން 18 ކުންފުންޏަކުން ކްލަސްޓާތައް ފެނިފައިވާ ކަމަށެވެ. އެ ސަރަަހައްދަކީ ކޮލަމްބޯއާ 33 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.

ކޮވިޑްގެ އާ ކޭސްތައް ހައި ރިސްކު ސަރަހައްދުތަކުން ފެންނަމުން ދިޔަ ނަމަވެސް ކޮމިއުނިޓީ ޓްރާންސްމިޝަންއެއް އަދި އުޅޭކަމަށް ބެލެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން ލަންކާއިން މިހާރު ދަނީ ޔުނިވާސިޓީތަކުގައިވެސް ޕީސީއާރު ޓެސްޓްތައް ހަދަމުންނެވެ. އެ ޓެސްޓްތަކުގެ ނަތީޖާއާމެދު މީހުން ސުވާލު އުފައްދާތީ އެކަމަށް ރައްދު ދެއްވައި ސުދާތު ވިދާޅުވީ އެ ތަންތަނުން ކުރާ ޓެސްޓްތަކުގެ ކޮލެޓީއަށް އިތުބާރު އެބައޮތް ކަމަށެވެ.

ލަންކާއިން މިހާތަނަށް ކޮވިޑް 5977 ކޭސް ފެނިފައިވާއިރު ބަލީގައި 13 މީހުން ވަނީ މަރުވެފައެވެ.-- ޑެއިލީ މިރާ/ ލަންކާ ހެލްތު ޕަބްލިކް ބިއުރޯ

comment ކޮމެންޓް