މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރުމުން ސީއެސްސީއަށް އަންގަން އެދިއްޖެ

މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރުމަށް ފަހު އެކަން 24 ގަޑިއިރުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅުމަށް އެދިއްޖެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ސިވިލް ސާވިސް ގަވާއިދު 2014ގެ 258 ވަނަ މާއްދާގެ (ނ)ގައިވާ ހާލަތްތަކުގައި މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރިކަން 24 ގަޑިއިރުގެ ތެރޭގައި ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.

ސިވިލް ސާވިސް ގަވާއިދުގެ 258 ވަނަ މާއްދާގެ (ނ)ގައި ހަތަރު ކަމެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ވަޒީފާއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާއިރު ހެކި ނައްތާލަން މަސައްކަތް ކުރުމާއި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ލިބިގަންނަން އަންނަ މީހަކަށް އެކަށީގެންވާ ހަމަތަކަށް ބަލާއިރު ސީދާ ގެއްލުމެއް ކުރިމަތިވެ ދާނެ ކަމަށް ފެނިއްޖެ ހިނދެއްގައި އޮފީހަށް ނުކުތުން މަނާކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އޭގެއިތުރުން ރައްކާތެރިކަން ދީފައިވާ މީހުންގެ ކަމަކާ ހަވާލުވެ ހުންނަ މީހަކު އެއިން މީހެއްގެ ރައްކާތެރިކަމަށް އަރައިގެންފާނެކަމަށް ބެލެވުން ނުވަތަ އަރައިގަންނަން އުޅުން ނުވަތަ އަރައިގަތްކަމަށް ތުހުމަތު ކުރެވުމުންވެސް އޮފީހަށް ނިކުތުން މަނާކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ސީއެސްސީގެ ސާކިއުލާގައި ބުނެފައިވަނީ އެ ގޮތަށް ސަސްޕެންޑުކުރާ މުވައްޒަފުންގެ މައުލޫމާތު 24 ގަޑިއިރުގެ ތެރޭގައި އެ ކޮމިޝަނަށް ހިއްސާކުރުމަށް ގަވާއިދުގައި އޮތް ނަމަވެސް އެފަދައިން އަމަލުކުރަމުން ނުގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ސިވިލް ސާވިސްގެ ގަވާއިދާށް އަމަލު ކުރަން އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން އެ ކޮމިޝަނަށް ފޮނުވުމުގައި އިދާރާއިން އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ސީއެސްސީއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް