ތައިލޭންޑުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ތައިލޭންޑުގައި މިދިޔަ ހަފްތާގައި ކުއްލި ހާލަތު އިއުލާން ކުރި ނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފަ -- ފޮޓޯ: އޭޕީ

ބޭންކޮކް (އޮކްޓޯބަރު 22): ތައިލޭންޑުގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ހުއްޓުވުމަށް މިދިޔަ ހަފްތާގައި އެގައުމުން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވާލައިފި އެވެ.

ތައިލޭންޑުގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން މިއަދު މެންދުރު 12:00އިން ފެށިގެން އެގައުމުން ކުއްލި ނުރައްކަލުގެ ފިޔަވަޅުތައް އުވާލަނީ ގައުމުގެ ހާލަތު މިހާރު ރަނގަޅުވެފައި ވާތީ އެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތީގައި ތައިލޭންޑުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އެގައުމުގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މަނާވި އެވެ. އަދި ގައުމީ ސަލާމަތަށް ގެއްލުންވާނެ ކަމަށް ބެލެވޭ ހަބަރުތައް ޝާއިއުކޮށް އޮންލައިންކޮށް އެފަދަ މައުލޫމާތު ފެތުރުންވެސް މަނާ ކުރި އެވެ.

ނަމަވެސް ފާއިތުވި ހަފްތާ ތެރޭ ވެސް ތައިލޭންޑުގައި އެތައް ހާސް މީހުން މުޒާހަރާތަކުގައި ބައިވެރިވި އެވެ. އަދި އެ މުޒާހަރާތަކުގެ މެމްބަރުން ދަނީ ބޮޑުވަޒީރު ޕްރަޔުތު ޗަން އޮޗާގެ އިސްތިއުފާއަށާއި ޕާލިމެންޓު އުވާލުމަށާއި އާ ގާނޫނުއަސާސީއެއް އެކުލަވާލުމަށް ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން ދަނީ އެގައުމުގެ ރަސްކަމަށްވެސް އިސްލާހުތައް ގެނައުމަށް ގޮވާލަމުންނެވެ. އެގޮތުން ރަސްގެފާނުގެ ބާރުތައް ކުޑަކޮށް، ޝާހީ އާއިލާއަށް ފާޑުކިޔުން މަނާ ކުރާ ގާނޫނު އުވާލަން ޖެހޭ ކަމަށް ބުނެފަ އެވެ.

ތައިލޭންޑުގެ ގާނޫނުތަކުގައި މިހާރު އޮންނަ ގޮތުން ޝާހީ އާއިލާގެ އަބުރަށް އަރައިގަންނަ މީހަކު ތިން އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ. އަދި އެގައުމުގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތަކަކީ އެގައުމުގެ ރައްޔިތުން ފާޅުކަން ބޮޑު ގޮތެއްގައި ރަސްކަމަށް ފާޑު ކިޔާ ފުރަތަމަ ފަހަރެވެ.

ތައިލޭންޑުގައި މިއަހަރު އެންމެ ފުރަތަމަ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށީ އެގައުމުގެ ޑިމޮކްރަސީއަށް ތާއިދު ކުރާ ފިއުޗާ ފޯވާޑް ޕާޓީ (އެފްއެފްޕީ) ކޯޓު އަމުރެއްގެ ދަށުން ފެބްރުއަރީ މަހު އުވާލުމުންނެވެ. އެ ޕާޓީއަކީ މިދިޔަ އަހަރު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނައިން ޕާލިމެންޓުގެ ގޮނޑިތައް ކާމިޔާބު ކުރި ޕާޓީ އެވެ. އެ އިންތިހާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް، ވެރިކަން ހޯއްދެވީ 2014 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ޕްރަޔުތު އެވެ. އަދި އިދިކޮޅު ފަރާތްތަކުން ވަނީ ޕްރަޔުތު އެ އިންތިހާބުގެ ނަތީޖާ އޮޅުވާލެއްވި ކަމަށްވެސް ތުހުމަތުކޮށްފަ އެވެ.

އޭގެ ފަހުން ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން ތައިލޭންޑުގެ މުޒާހަރާތައް ހުއްޓުމަކަށް އަ އެވެ. ނަމަވެސް ޑިމޮކްރަސީއަށް ތާއިދު ކުރާ އެގައުމުގެ އެކްޓިވިސްޓަކު، އަމިއްލައަށް އަރުވާލެވިގެން ކެމްބޯޑިއާގައި ދިރިއުޅެނިކޮށް މިދިޔަ ޖޫން މަހު ވީނުވީ ގޮތެއް ނޭނގި ގެއްލުމާ ގުޅިގެން އަނެއްކާ ވެސް މުޒާހަރާތައް ފުޅާވެގެން ދިޔައީ އެވެ.

comment ކޮމެންޓް