ޖަލުގައި ޖާގަ ނެތިގެން ދޫކޮށްލާފައި ހުރި މީހަކު އަނެއްކާ ވެސް މަސްތުވާތަކެއްޗާއި އެކު ހައްޔަރަށް

މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކޮށްފައި ހުއްޓަ ޝަރުތުތަކަކާއި އެކު ދޫކޮށްލި އިރުފާނު، ވަނީ އަނެއްކާ ވެސް ހައްޔަރު ކޮށްފައި ---

ޖަލުގައި ޖާގަނެތިގެން ކުރިމިނަލް ކޯޓުގެ އަމުރަކަށް ދޫކޮށްލާފައި ހުރި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މީހަކު އަނެއްކާ ވެސް މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކޮށްފި އެވެ.

އެ މައްސަލައިގައި މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ކޯޓުން ދޫކޮށްލާފައިވަނީ މ. އެންޑްލެސް، ހުސައިން އިރުފާން 35، އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ، މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ. އޭރު އޭނާ ކްރިމިނަލަ ކޯޓުން ދޫކޮށްލާފައިވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރުމަށްފަހު އެވެ.

ބަންދުން ދޫކޮށްލި ސަބަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، ކޯޓު އަމުރާއި ޖަލުތަކުގެ ޕެރޯލް ގާނޫނުގެ ހަތަރުވަނަ މާއްދާއާ ހިލާފަށް، އޭނާ ކަސްޓޯޑިއަލް ޖަލުން ރިމާންޑް ޖަލަކަށް ބަދަލުކޮށްފައި ނުވާތީ ކަމަށެވެ.

މިއަދު 10:00 ޖެހިއިރު ކްރިމިނަލް ކޯޓުގައި އޮތް 'ކެނެބިސް ޓްރެފިކްކުރުމުގެ' އަޑުއެހުން ފެށިއިރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގަ އެވެ. އަދި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން އަނެއްކާވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

"ހުސައިން އިރުފާނުގެ ބަންދާއި ގުޅޭ ގޮތުން އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާއި އެކު ދޫކޮށްލާފައި. އޭގެ ތެރޭގައި ހިމެނޭ ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި ގާނޫނާއި ހިލާފް އެއްވެސް އަމަލެއް ނުކުރުމަށް. އެހެން އަމުރު ކުރައްވާފައި ވަނިކޮށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހުސައިން އިރުފާނު މި ވަނީ ހައްޔަރުކުރެވިފައި އަދި ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދިއުމުން ހަތް ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު އިތުރުކޮށްދީފައި އެބަވޭ،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ދައުވާ އުފުލާފައިވަނިކޮށް އަނައްކާ ވެސް އެ ފަދަ މައްސަލައެއްގައި ހައްޔަރު ކޮށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އޭނާ ދޫކޮށްލުމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ކުރި އަމުރު އިއްޔެ ހައި ކޯޓުން ވަނީ ބާތިލްވެސް ކޮށްފަ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން ކުރިއަށް ނުގެންދެވިފައިވަނީ އިރުފާނުގެ ވަކީލެއް ނެތުމުންނެވެ. އޭނާ ބުނީ އިއްޔެ އޭނާ ހުރީ މާލޭގައި ހުންނަ އަތޮޅުވެހީގައި ކަމަށާއި އެހެން ކަމުން ވަކީލަކު ހަމަޖެއްސުމަށް އިތުރު ފުރުސަތު ދިނުމަށެވެ.

އެހެންކަމުން މިއަދުގެ އަޑުއެހުން މެދުކަނޑާލާފައިވަނީ އޭނާއަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދިނުމަށްފަހު އެވެ. އަދި މިއަދު މެންދުރު 1:00 ޖެހުމުގެ ކުރިން ވަކީލަކު ހަމަޖެއްސުމަށްފަހު ކޯޓަށް އަންގާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް