އޮކްސްފޯޑުގެ ވެކްސިން ޓެސްޓުތަކުގައި ބައިވެރިވި މީހަކު މަރުވި ނަމަވެސް ޓެސްޓުތައް ކުރިއަށް

ކޮވިޑް ވެކްސިން ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ވެކްސިނަކީ އޮކްސްފޯޑާއި އަސްޓްރާޒެނެކާގެ ވެކްސިން -- ފޮޓޯ: ރޮއިޓާސް

ރިއޯޑިޖެނީރިއޯ (އޮކްޓޯބަރު 22): އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް ވެކްސިންގެ ޓެސްޓުތަކުގައި ބްރެޒިލްއިން ބައިވެރިވި މީހަކު މަރުވެއްޖެ އެވެ.

ބްރެޒިލްގެ ނެޝަނަލް ހެލްތު ސަވެއިލެންސް އޭޖެންސީ (އެންވިސާ)އިން ބުނި ގޮތުގައި އޮކްސްފޯޑުގެ ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް އެގައުމުގައި ކުރިއަށް ގެންދަނިކޮށް ޓެސްޓުގައި ބައިވެރިވި މީހަކު މަރުވިކަން އެނގިފައި ވަނީ އޮކްޓޯބަރު 19އިގަ އެވެ. އަދި އެ މީހާ އާއި ބައްޔާ ބެހޭ އިތުރު މައުލޫމާތެއް ހާމަ ނުކުރި ނަމަވެސް އެންވިސާއިން ވަނީ އެ މައްސަލައިގެ މިނިވަން ތަހުގީގެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެފަ އެވެ. އަދި ތަހުގީގުން ނިންމާފައި ވަނީ އެއީ ރައްކާތެރި ދިރާސާއެއް ކަމަށާއި އެހެންކަމުން ޓެސްޓުތައް ކުރިއަށްގެންދާނެ ކަމަށް އެންވިސާއިން ބުންޏެވެ.

ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި މަރުވި މީހާއަކީ އެގައުމުގެ 28 އަހަރުގެ ޑޮކްޓަރެކެވެ. އަދި ކޮވިޑް ޖެހިފައިވާ މީހުންނަށް ފަރުވާ ދެމުން ދިޔަ އެ މީހާ މަރުވީ ކޮވިޑް ބަލީގަ އެވެ.

އެ ހާދިސާއާ ގުޅިގެން އޮކްސްފޯޑް ޔުނިވާސިޓީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ޓެސްޓުތަކާ ގުޅުން ހުރި ހުރިހާ ސިއްހީ ހާދިސާއެއް މިނިވަން ފަރާތަކުން ތަހުގީގު ކުރާނެ އެވެ. އަދި އެ މިނިވަން ތަހުގީގާއި ބްރެޒިލްގެ ވެކްސިން ރެގިއުލޭޓަރުންވެސް މިހާރު ވަނީ ޓެސްޓުތައް ކުރިއަށްގެންދިޔުމަށް ލަފާ ދީފަ އެވެ.

މީގެ އިތުރުން އަސްޓްރާޒެނެކާއިން ވަނީ ޓެސްޓުތައް ކުރިއަށް ގެންދިޔުމުގައި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް އެ މައްސަލައިގެ ތަހުގީގުން އެނގިފަައިވާ ކަމަށް ބުނެފަ އެވެ.

އޮކްސްފޯޑުން އެތައް ހާސް މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދާ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތަކުގައި ކޮވިޑް ވެކްސިން ދެނީ ޓެސްޓުތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން ބައެއް މީހުންނަށެވެ. އަދި އެހެން މީހުންނަށް ދެނީ މިހާރު ބޭނުން ކުރުން ހުއްދަ ކޮށްފައިވާ މެނިންޖައިޓިސް ވެކްސިނެކެވެ. އެހެންކަމުން ކޮވިޑް ވެކްސިން މަސައްކަތް ކުރޭތޯ ބެލުމަށް، އެ ދެ ގުރޫޕުގެ ނަތީޖާތައް އަޅާ ކިޔާ، ކޮރޯނާވައިރަހުން ބޮޑަށް ރައްކާތެރިވެފައި ވަނީ ކޮން ގުރޫޕެއްގެ މީހުންތޯ ބަލާނެ އެވެ.

އޮކްސްފޯޑް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ ޓެސްޓުތައް ކާމިޔާބު ކަމާ އެކު ނިންމާލުމަށް ފަހު ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް ފެށީ އިނގިރޭސިވިލާތުގެ އިތުރުން ބްރެޒިލް އާއި އިންޑިއާ އާއި އެމެރިކާގަ އެވެ. އެ ޓެސްޓުތަކުގައި އިނގިރޭސިވިލާތުން ބައިވެރިވި މީހަކު ގޮތް ނޭނގޭ ގޮތަކަށް ބަލިވުމުން މިދިޔަ މަހުގެ ކުރީކޮޅު ޓެސްޓުތައް މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް އެ މީހާގެ ބައްޔަކީ ވެކްސިންގެ ސައިޑް އިފެކްޓެއް ނޫން ކަމަށް މިނިވަން ތަހުގީގަކުން ނިންމުމުން އެމެރިކާ ފިޔަވާ އެހެން ގައުމުތަކުގައި ޓެސްޓުތައް ވަނީ އަލުން ފަށާފަ އެވެ.

އެމެރިކާގައި އެ ޓެސްޓުތައް އަލުން ފަށާފައި ނުވަނީ އިނގިރޭސިވިލާތުގެ މީހާ ބަލިވި މައްސަލަ އެގައުމުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަދިވެސް ބަލަމުން ދާތީ އެވެ.

comment ކޮމެންޓް