ރާއްޖޭގައި ހެވީ މެޓަލް މުބާރާތެއް

ރާއްޖޭގައި މެޓަލް ބޭންޑުތަކަށް ހިތްވަރުދީ އެފަރާތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ އިނިޝިއޭޓިވް އެއް ކަމަށްވާ މެޓަލް ވޯސް މޯލްޑިވްސް (އެމްޑަބްލިއުއެމް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެވީ މެޓަލް މުބާރާތެއް ފަށައިގެން ކުރިއަށް އެބަ ދެއެވެ.

ސަން އަށް މައުލޫމާތު ދެމުން އެމްޑަބްލިއުއެމްއިން ބުނީ އެ އިނިޝިއޭޓިވްގެ ބޭނުމަކީ ދިވެހި މެޓަލް ބޭންޑުތައް އުފެއްދުމަށް ހިތްވަރުދީ އަމިއްލަ އަދި އޮރިޖިނަލް ލަވަތައް އުފެއްދުމަށް ބާރުއެޅުން ކަމަށެވެ. އަދި އެ މަސައްކަތަކީ ރާއްޖޭގެ ހެވީ މެޓަލް އަލުން އަނބުރާ ގެނައުމަށް ކުރާ ކަމެއް ކަމުގައިވެސް މެޓަލް ވޯސް އިން ބުނެ އެވެ.

މެޓަލް ވޯސް އިން ބުނެފައިވަނީ އެ މުބާރާތުގެ ފުރަތަމަ "ބެޓަލް" މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ފުރަަތަމަ ބުރުގައި ބޭންޑުތައް އުފައްދައި ޑިޖިޓަލްކޮށް ލަވައެއް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި އޮންނާނެ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އެ ލަވައަކީ އޮރިޖިނަލް ލަވައަކަށް ވާން ޖެހޭނެ ކަމަށް މެޓަލް ވޯސް އިން ބުނެއެވެ.

ހެވީ މެޓަލް މުބާރާތުގެ ކޮންޓެންޓުތަކަށް އިންސާފުކުރުމަށް އެކުލަވާލާފައިވާ ޖަޖިން ޕެނަލް --

އެ މުބާރާތަށް ހުޅުވާލުމާއެކު ހަތް ބޭންޑެއް އުފެދިގެން ގޮސްފައިވާ ކަމަށް މެޓަލް ވޯސް އިން ބުނެއެވެ. މުބާރާތަށް ކޮންޓެންޓް ހުށަހެޅުމުގެ ފުރުސަތު މިހާރު ބަންދުކޮށްފައިވާއިރު އެ މުބާރާތަށް ބޮޑު ތަރުހީބެއް ހެވީ މެޓަލް ކޮމިއުނިޓީގެ ތެރޭގައި ލިބިފައިވާ ކަމަށް ވަނީ އެ އިނިޝިއޭޓިވް އިން ބުނެފައެވެ. މުބާރާތުން އުފެދިގެން ގޮސްފައިވާ ހަތް ބޭންޑަކީ:

  • ޒެސްޓާ ކޮންވިކްޝަން
  • ވޮއިޑް ސެންކްްޗުއަރީ
  • ޒެންނިއާ
  • ދަ މޮނޮކްރޮމެސީ ޕްރޮޖެކްޓް
  • ކްރިޕްޓިކް އެރާ
  • ސީރިއަލް އެކްސްޕެރިމެންޓްސް
  • ނޯޓޯރިއަސް

އެމްޑަބްލިއުއެމް އިން ބުނެފައިވަނީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުންގެ ތެރެއިން އެއްވަނައަށް ދާ ފަރާތަކަށް 38،000 ރުފިޔާ ފައިސާގެ އިނާމުގެ އިތުރުން ތިން މަސް ވަންދެއް އެއްވެސް ފީއެއް ނުނަގާ ޕްރެކްޓިސް ކުރެވޭނެ ސްޓޫޑިއޯއެއްގެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އޭގެއިތުރުން ޕްރޮފެޝަނަލް ރިކޯޑިން ހެދުމުގެ ފުރުސަތުވެސް އެ ބޭންޑަށް ލިބިގެންދާނެ ކަމަށް ވާނީ ބުނެފަ އެވެ.

އެ މުޅި އިވެންޓު ފަންޑުކޮށްފައިވަނި މެޓަލް ވޯސްގެ ފައުންޑަރުންނާއި ޖަޖުން ވެގެންނެވެ. އިނިޝިއޭޓިވްގެ ބޭރުން އިތުރު ބައެއްގެ އެހާ ބޮޑު އެހީއެއް ލިބިފައި ނުވި ނަމަވެސް އެ އިވެންޓް ވަރަށް ބޮޑަށް ކާމިޔާބު ކަމަށް މެޓަލް ވޯސް އިން ބުނެއެވެ. އެ އިވެންޓު ކާމިޔާބު އިވެންޓަކަށް ވުމުގައި ފޭނުންގެ ބޮޑު ރޯލެއް އޮތް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް