ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ހައްޔަރުކުރި މަޖުބޫރުކޮށްގެން ކަަމަށް ބުނާ މައްސަލަ ބަލަނީ

ޕާކިސްތާނުގެ ސިފައިންގެ ޗީފް ޖެނެރަލް ގަމަރު ޖާވިދު ބަޖުރާ

ޕާކިސްތާނުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ މުހައްމަދު ސަފްދާރު ހައްޔަރުކުރީ ސިންދު ޕްރޮވިންސްގެ ޕޮލިސް ޗީފްއަށް މަޖުބޫރުކޮށްގެން ކަމަށް ބުނާ މައްސަލަ ބަލަން އެގައުމުގެ ސިފައިންގެ ޗީފް ޖެެނެރަލް ގަމަރު ޖާވިދު ބަޖުވާ އައްޔަނުކޮށްފި އެވެ.

ސިންދު ޕްރޮވިންސްގެ ޕޮލިސް ޗީފް މުޝްތާގު މެހެރު އާއި އެ ސްޓޭޓްގެ އިތުރު 50 ޕޮލިސް އޮފިސަރުން މިހާރު ތިއްބެވީ ޗުއްޓީއެއްގަ އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ސަފްދާރު ހައްޔަރުކުރި މައްސަލަ ވީހާ ވެސް އަވަހަށް ބަލަން އަންގާފައިވާ ކަމަށެވެ.

ހައްޔަރުކުރި ސަފްދާރަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދަރިކަނބަލުން މަރިޔަމް ނަވާޒްގެ ފިރިކަލުން ވެސް މެ އެވެ. ސަފްދާރު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު ކަރާޗީގެ ހޮޓަލެއްގައި ހުންނަވަނިކޮށެވެ. ނަަމަަވެސް ހައްޔަރުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ސަފްދާރު މިދިޔަ އާދިއްތަ ދުވަހު ވަނީ ޕާކިސްތާނުގެ ބާނީ މުހައްމަދު އަލީ ޖިނާހުގެ މަހާނަ ކައިރިއަށް ޒިޔާރަތްކޮށްފަ އެވެ. އަދި އެތަނަށް ވަޑައިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ. އޭނާ ހައްޔަރުކުރީ އެ މައްސަަލައިގަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް އެދި އެގައުމުގައި އިދިކޮޅުން މިހާރު ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. އެ މުޒާހަރާތައް ބާއްވަމުންދަނީ 11 ޕާޓީއެއްގެ މައްޗަށް އެކުލެވޭ ޕާކިސްތާން ޑިމޮކްރެޓިކް މޫވްމަންޓް (ޕީޑީއެމް)އިން އެވެ.-- އަލްޖަޒީރާ--

comment ކޮމެންޓް