ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމާލައިފި

ގދ. ތިނަދޫގައި ގާއިމްކުރި ކޮވިޑް ފެސިލިޓީ --

ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް ގދ. ތިނަދޫގައި ހެދި ފެސިލިޓީގެ މަސައްކަތް ނިންމައި ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ފެސިލިޓީގެ މަޝްރޫއު ހިންގި އެމްޓީސީސީއިން ބުނީ 20 ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާލައި، ޕްލޭނިން މިނިސްޓްރީއާ އެތަން މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ތިނަދޫގައި ގާއިމްކުރީ 22 އެނދުގެ ފެސިލިޓީއެކެވެ. އެތަނުގައި އައިސީޔޫއެއްވެސް ހުންނާނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެ އެވެ. އެ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތް ފެށީ 25 ސެޕްޓެމްބަރު ވަނަ ދުވަހުއެވެ.

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ހަދަން ނިންމީ އެ ރަށުން ޕޮޒިޓިވްވި ބަލިމީހަކު ގއ. ވިލިނގިލީގައި ހުންނަ ރީޖަނަލް ކޮވިޑް ފެސިލިޓީ އަށް ފަރުވާ ދޭން ގެންދިޔުމުން، އެ މީހާ ވިލިނގިއްޔަށް އަރުވަން ދެކޮޅު ހަދައި އެ ރަށުގެ ބަޔަކު މުޒާހަރާ ކުރުމުންނެވެ. ފަހުން ބަލިމީހާ އިތުރު ފަރުވާ އަށް މާލެ ގެނައީ ސީޕްލޭނެއް ޗަޓާރުކޮށްގެން ނެވެ.

އެ ހާދިސާއަށްފަހު ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލު ކުރަން ގޮވާލި އެވެ. ނަމަވެސް ފަހުން ހުވަދު އަތޮޅުން ބައްޔަށް ޕޮޒިޓިވްވި މީހުންނަށް ވަނީ ވިލިނގިލީ ފެސިލިޓީ އިިން ފަރުވާދީފައެވެ.

comment ކޮމެންޓް