ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ --

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 28 ވާ ބުދަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.

ޕޮމްޕެއޯއާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ އަންނަ ހޯމަ ދުވަހު، އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަށް ފަހު ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މީގެ ކުރިން ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް، ފޮރިން މިނިސްޓްރީއިން އޭރު އެކަން ކަށަވަރު ނުކޮށްދެ އެވެ.

ނަމަވެސް، މިއަދު ފޮރިން މިނިސްޓްރީއިން ބުނެފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ޕޮމްޕެއޯގެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

އެގޮތުން، ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 24 ޖުލައި 1992ގައި އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

މީގެ ކުރިންވެސް ފޮރިން މިނިސްޓަރު ޝާހިދާއި ޕޮމްޕެއޯ ވަނީ ބައްދަލުވެވަޑައިގެންފަ އެވެ. ޕޮމްޕެއޯގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު ވަނީ 19 ފެބްރުއަރީ 2019ގައި އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ވަޑައިގެން ސެކްރެޓަރީ ޕޮމްޕެއޯ އާ ބައްދަލުކުރައްވައިފަ އެވެ.

comment ކޮމެންޓް