ގެމަނަފުށީ އިސް މެޖިސްޓްރޭޓަށް ނަސޭހަތް ދޭން ނިންމައިފި

ގެމަނަފުށީގެ މަގެއް -- ސަން ފޮޓޯ/ މާޝާ ނައީމް

ގއ. ގެމަނަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓު އިބްރާހިމް މުނީރު ފަރުވާކުޑަ ކުރި ކަމަށް ނިންމައި އޭނާއަށް ނަސޭހަތްދީ، ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީއިން ބެލި އިސް ގާޒީ މުނީރުގެ ސުލޫކީ މައްސަލަ ނިންމި ގޮތް ހާމަކޮށް މިއަދު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އިސް ގާޒީ މުނީރަށް ނަސޭހަތްތެރިވުމާއެކު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން އޭނާއަށް އަންގަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ އޭނާ ބެއްލެވި ގަޒިއްޔާއެއް ނިމުނު ގޮތުގެ ރިޕޯޓުގައި މީހެއްގެ ނަން ނުބައިކޮށް ޖެހިފައިވާ މައްސަލައެއްގަ އެވެ.އެ ގަޒިއްޔާ ނިމުނު ރިޕޯޓުގައި ގެމަނަފުށީ ގެއަކާއި، އެ ގޯތީގެ އިމާރާތްތަކާއި ރުއްގަހުގެ ވެރިފަރާތަކީ ކާކުކަން ބަޔާންކުރި އިރު ބަޔާންކޮށްފައި ވަނީ އެ މައްސަލައިގައި ހެމެނޭ ނުބައި މީހެއްގެ ނަން ކަމަށް ޖޭއެސްސީއިން ބުނެފައިވެ އެވެ.

އެ ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެ ކުށް ފާހަގަ ނުވެ، އެކަން ނޭނގި، އޭނާ އެ ރިޕޯޓުގައި ސޮއިކޮށް އެ ރިޕޯޓު މައްސަލައިގައި ހިމެނޭ ފަރާތަކަށް ދޫކުރުމަކީ އޭނާގެ ފަރުވާކުޑަކުރުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ޖޭއެސްސީއިން ބުންޏެވެ. އަދި އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް