ވެންޓިލޭޓަރު މައްސަލައިގެ ހެކިތައް ޕީޖީއިން ހާމަ ކުރުމުން އޭސީސީގެ ނުރުހުން

އޮކްޓޫބަރ 21، 2020: މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެންޓިލޭޓަރު ގަތުމަށް ދުބާއީ ކުންފުންޏަކާ ހަވާލު ކުރި މައްސަލައިގެ ހެކިތައް ހާމަ ކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް ފާތިމަތު އަނޫލާ ޕްރޮސެކިއުޓަ ޖެނެރަލަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކޮވިޑް19ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް އޯޑަރު ކުރި ވެންޓިލޭޓަރުތަކުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ހިންގި ތަހުގީގު ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ފޮނުވުމުން، އެ އޮފީހުން ވަނީ އެ މައްސަލައިގައި ހެކި ނެތުމުން ދައުވާ ނުކުރަން ނިންމާފަ އެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި އަނޫލާ ވިދާޅުވީ މައްސަލަ ރިޖެކްޓް ކޮށްލި ނަމަވެސް އަދި އިތުރަށް ދިރާސާ ކުރަން ފޮނުވި ނަމަވެސް މައްސަލާގައި ހުރީ އެވެނި ހެއްކެއް ކަމަށް މިވެނި ހެއްކެއް ކަމަށް ބުނެ ޕަބްލިކްގައި އެވާހަކަ ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެންމެ ރަނގަޅު ފޯރަމް ކަމަކަށް މިސާލަކަށް ޕަބްލިކް ތެރޭގައި އަޅުގަނޑުމެން ހުރީ މިވެނި ހެއްކެކޭ އެވެނި ހެއްކެކޭ މި މަރުހަލާގައި އެވާހަކަ ދެއްކުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން." އަނޫލާ ވިދާޅުވި އެވެ.

އޭގެ އިތުރުން މައްސަލާގައި ހެކި ނެތް ކަމަށް ބުނެ ދައްކާ ވާހަކައަށްވެސް އަނޫލާ ޖަވާބުދެއްވި އެވެ. ވިދާޅުވީ ހަމައެކަނި ފޯނު ކޯލެއް ކޮށްގެން ތުހުމަތުކޮށްފައި ނޯންނާނެ ކަމަށެވެ.

"ޕީޖީ ތަކުރާރުކޮށް އެބަ ފާހަގަ ކުރައްވާ މިނިސްޓަރު ގުޅުއްވީމަ އަޅުގަނޑުމެން ދައުވާކުރަން ފޮނުވިއްޔޭ. އެހެނެއް ނުހުންނާނެ އަޅުގަނޑުމެންގެ ތުހުމަތުތައް ބިނާކޮށްފައެއް. ހަމައެކަނި ގުޅުއްވީމަ ދައުވާކުރަން ނޫނިއްޔާ ވަކި ސިންގަލް އަމަލަކަށް ނޫނޭ މުޅި މައްސަލަ ބިނާވެފައި އޮންނަނީކީ" އަނޫލާ ވިދާޅުވި އެވެ.

އަނޫލާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއް ކަމަކީ އެއްބަސްވުން ނުހަދާ ފައިސާ ދޫކުރި މައްސަލަ ކަމަށެވެ. އަދި މާލިއްޔަތު ގަވައިދުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އެތައް ކަމެއް ފުރިހަމަ ނުކުރާކަންވެސް ފާހަގަވާ ކަމަށް އަނޫލާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކަށް އެ ކުންފުންޏާ ހަވާލު ކުރަން ބިޑް ކޮމިޓީއިން ނިންމި ނިންމުން. އެއްބަސްވުން ނުހަދާ ފައިސާ ދޫކުރުން. މިކަހަލަ ކިތަންމެ އަމަލުތަކެއް މި ކޭސް ތެރޭގައި އެބަހުރި." އަނޫލާ ވިދާޅުވި އެވެ.

މިއަދު ކޮމިޓީ ބައްދަލުވުމުގައިވެސް ޕީޖީ ހުސައިން ޝަމީމް ވަނީ އޭނާ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެެއްކި ވާހަކަ ތަކުރާރު ކުރައްވާފަ އެވެ. ވިދާޅުވީ މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.

comment ކޮމެންޓް