ގަވައިދާ ހިލާފަށް ރުއްގަސް ނަގައިގެން ބާރަށު ކައުންސިލް ޖޫރިމަނާކޮށްފި

ހއ. ބާރަށް--

ބާރަށު ހޭޅިފަށުން ގަވައިދާ ހިލާފަށް ރުއްގަސް އުފުރައިގެން އެ ރަށު ކައުންސިލް ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ބާރަށު ހޭޅިފަށާއި ރަށުގެ އެހެން ސަރަހައްދުތަކުން ގަވައިދާ ހިލާފަށް ގިނަ ރުއްގަސް އުފުރައި، ކަނޑަައި އަދި އެރަށުން އެތަކެތި ބޭރުކޮށްފައިވާތީ ބާރަށު ކައުންސިލް ޖޫރިމަނާ ކުރީ 191،250 ރުފިޔާ އިން ކަމަށެވެ.

އެ ކައުންސިލް ޖޫރިމަނާ ކޮށްފައިވަނީ ތިިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް ދޭ ގެއްލުން ތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުންނެވެ.

ގާނޫނާ އެއްގޮތަށް ރުއްގަސް ނެގޭނީ އީޕީއޭގެ ހުއްދަ ހޯދައިގެންނެވެ. އެގޮތަށް ނަގާ ކޮންމެ ގަހަކަށް ބަަދަލުގެ ގޮތުގައި ދެ ގަސް އިންދަން ޖެހޭނެ ކަމަށް ރުއްގަސް އުފުރުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުމާ ބެހޭ ގަވައިދުގައިވެ އެވެ.

އީޕީއޭ އިން ބުނީ ބާރަށު ކައުންސިލް ޖޫރިމަނާ ކޮށްފައިވަނީ މިއަދު ކަމަށާއި ޖޫރިމަނަ ފައިސާ މިއަދުން ފެށިގެން 30 ދުވަސް ތެރޭ ދައްކަން އަންގާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާރަށުން ގަވައިދާ ހިލާފަށް ގަސް ކެނޑުމުގެ މައްސަލައެއް ފެންމަތިވި އެވެ. އޭރު އީޕީއޭ އިން ވަނީ ބާރަށުގައި ގަވައިދާ ހިލާފަށް ރުއްގަސް ނެގުމުގެ ކަމެއް ހިނގާނަމަ އެކަމެއް ހުއްޓުވައިދިނުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ.

ބާރަށު ކައުންސިލް ޖޫރިމަނާ ކުރި މައްސަލާގައި އެ ކައުންސިލްގެ ބަހެއް ނުލިބެ އެވެ.

comment ކޮމެންޓް