ފްރާންސްގެ ކުރީގެ ކީޕަރު ބްރޫނޯ މާރޓިނީ މަރުވެއްޖެ

ފްރާންސްގެ ކުރީގެ ކީޕަރު ބްރޫނޯ މާރޓިނީ --- ފޮޓޯ//ގެޓީ އިމޭޖެސް

ފްރާންސްގެ ގައުމީ ޓީމަށް ކުރިން ކުޅުނު ކީޕަރު ބްރޫނޯ މާރޓިނީ އުމުރުން 58 އަހަރުގައި މަރުވެއްޖެ އެވެ.

ތަޖުރިބާކާރު ކީޕަރު މާރޓިނީ އިއްޔެގެ ވަގުތެއްގައި މަރުވެފައިވާކަން އޭނަގެ އާއިލާއިން ޔަގީންކޮށްދީފައިވާ އިރު، ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނީ އޭނާ މަރުވީ ކާޑިއަކް އެރެސްޓެއްގައި ކަމަށެވެ.

ފްރާންސްގެ ގައުމީ ޓީމަށް 31 މެޗު ކުޅެދިން މާރޓިނީ އެންމެ ފާހަގަކޮށްލެވެނީ 1992 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ މެޗުތަކުންނެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިނގިރޭސިވިލާތާއި، މުބާރާތް ބޭއްވި ސްވިޑަންގެ އިތުރުން ޗެމްޕިއަންކަން ހޯދި ޑެންމާކާއި ދެކޮޅަށް ކުޅުނު މެޗުތަކުގައި މާރޓިނީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ކުލަބް ކެރިއަރުގައި ވެސް ރަނގަޅު ފެންވަރުގެ ކުޅުމެއް ދެއްކި މާރޓީނީ ވަނީ ފްރާންސްގެ އޮކްސެރޭއަށް 139 މެޗާއި، މޮންޓްޕެލިއާއަށް 113 މެޗު ކުޅެދީފަ އެވެ.

ފުޓުބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލުމަށް ފަހު ވެސް މާރޓިނީ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި 1999 އިން ފެށިގެން 2010 ގެ ނިޔަލަށް މަސައްކަތް ކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި 2000 ވަނަ އަހަރުގެ ޔޫރޯއާއި 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ރަނަރަޕްކަން ފްރާންސުން ހޯދި އިރު މާރޓީނީ ވަނީ އެ ޓީމުގެ ކީޕަރުން ތަމްރީން ކުރުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

ފްރާންސް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލަ ގްރައެޓް ބުނީ، މާރޓިނީ އަކީ ފްރާންސްގެ ފުޓުބޯޅައިގެ ތާރީހުގައި ނަން ފަވާލެވޭނެ ޝަހުސިއްޔަތެއް ކަމަށެވެ. އަދި އޭނާގެ ނަން އަބަދުވެސް ހަނދާން ކުރާނެ ކަމަށެވެ.

comment ކޮމެންޓް