ދަރަނި އަނބުރާ ދެއްކުމުގެ ރިޕޯޓު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ވަނީ ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާ ގުޅޭ ރިޕޯޓް ފާސްކޮށްފައި -- ފައިލް ފޮޓޯ/ މަޖިލިސް

ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމެޓީއިން އެކުލަވާލި ރިޕޯޓު އެ ކޮމެޓީން ފާސްކޮށްފި އެވެ.

އެ ރިޕޯޓަކީ މަޖިލީހުގެ ރިޔާސަތުން ހުށަހެޅުއްވި ރިޕޯޓެކެވެ. މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރުމަށް ފަހު މިއަދު މެންދުރުފަހު ދަންފަޅީގައި އެ ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 35 މެންބަރުންގެ އިއްތިފާގުންނެވެ.

"މިރިޕޯޓް މި ވަނީ ކޮމެޓީން ފާސްވެފައި. އިރާދަކުރެއްވިއްޔާ ދެން އޮންނަ މަޖިލީހަކަށް އަޅުގަނޑު މި ރިޕޯޓް ފޮނުވާނަން،" ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމެޓީއިން އެކުލަވާލި ރިޕޯޓު ހުށަހަޅުއްވަމުން ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުލަތުގެ ގިނަ ދަރަންޏަކީ ގާނޫނާ އެއްގޮތަށް އުފެދިފައިވާ ދަރަނި ކަމަށެވެ.

އެގޮތުން 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އުފައްދާފައިވާ ދަރަނި ގާނޫނާ އެއްގޮތަށްތޯ ބެލުމަށް ކޮމެޓީ އިން ދިރާސާކޮށްފައިވާއިރު، ޖުމްލަގޮތެއްގައި ދަރަނި އުފައްދާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކޮމެޓީގެ މުގައްރިރު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތަށް ބުރަވެގެންދަނީ ދަރަނި އަނބުރާ ނުދެއްކުމުން ކަމަށާއި މިއަދު ދިމާވެގެން އުޅޭކަމަކީ 2021 ވަނަ އަހަރު އަނބުރާ ދައްކަން އޮތް އަދަދު ބޮޑުވުން ކަމަށެވެ.

ދައުލަތުގެ ދަރަނި ބެލެހެއްޓިފައިވާ މިންވަރުވެސް ކޮމެޓީ އިންވަނީ ބަލައިފަ އެވެ.

ދައުލަތުން ނަގާފައިވާ ލޯނުތައް ނަގާފައިވަނީ ކޮންސެޝަނަލް ރޭޓުގައި ނަމަވެސް، ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މުހިއްމު މަޝްރޫއުތަކަށް ފައިނޭންސް ހޯދުމަށް 2017 ވަނަ އަހަރު ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު، "ސަނީ ސައިޑް ބޮންޑު" ގެ އިންޓްރެސްޓް ރޭޓަކީ ހަތް ޕަސެންޓް ކަމަށާއި، 2022 ވަނަ އަހަރު މި ބޮންޑަށް އަނބުރާ ފައިސާ ދައްކަން ޖެހޭއިރު، އެ ބޮންޑު ރީ ޕްރޮފައިލް ކުރަންޖެހޭ ކަމަށް ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިހާރު ދިމާވާ އެންމެބޮޑު އެއް ގޮންޖެހުމަކީ ބޭރު ފައިސާގެ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ކުރިމަތިވާ، ދަތިކަން ކަމަށާއި ކުރުމުއްދަތުގައި ދައްކަންޖެހޭ ދަރަނީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް ދައުލަތުގެ ހަރަދުތައް ކުޑަކޮށް ފިސްކަލް ޑެފިސިޓްވެސް ކުޑަކުރުމަށާއި ދެމެހެއްޓެނިވި މިންވަރެއްގައި ދަރަނި ބެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަން ރައީސް ނަޝީދު ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް