އަނބުރާ ގައުމަށް ފޮނުވާލި ބަންގްލަދޭޝް މީހުންގެ އަދަދު 7،800 އިން މައްޗަށް

ބަންގްލަދޭޝް 152 މީހަކު މިއަދު ވަނީ އެނބުރި ގައުމަށްފޮނުވާލާފައި --- ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެހެން ސަބަބުތަކާ ހުރެ އެނބުރި ގައުމަށް ދާން ބޭނުން މީހުންގެ ތެރެއިން ފުރުވާލި މީހުންގެ ޖުމްލަ 7،884 އަށް އަރައިފި އެވެ.

މިއަދުވެސް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައި ބަންގްލަދޭޝްގެ 152 މީހަކު ވަނީ އެނބުރި ގައުމަށް ފުރުވާލައިފަ އެވެ.

މިއީ ބަންގްލަދޭޝްގެ މީހުން ފުރުވާލުމަށް މޯލްޑިވިއަން އިން ބޭއްވިި 41 ވަނަ ފްލައިޓެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގައްޔާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން އެ ގައުމުގެ ރައްޔިތުން ފުރުވާލައިފައިވެ އެވެ.

ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ވެސް ހޯދުމަށް ފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި ގަދަކަމުން ބިދޭސީން ފޮނުވާލެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

comment ކޮމެންޓް