އެމްއެމްޕީއާރުސީ މައްސަލަ ބެލުން ލަސްވާ ކަމަށް ގަބޫލެއް ނުކުރަން: އައްސަދު

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު --- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރިއަށްދާ ތަހުގީގު މަސައްކަތްތައް ލަސްވާ ކަމަށް ގަބޫލުނުކުރާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބެލުން ލަސްވާތީ އަދި މައްސަލަތައް ގޮސްފައި އޮތް ހިސާބެއް ސާފު ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ހާޒިރުކޮށް މިއަދު ވަނީ ސުވާލުތަކެއް ކޮށްފަ އެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ސުވާލު ކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބެލުން ލަސްވާ މައްސަލާގައި ހަމަ އެކަނި އޭސީސީއަށް ތުހުމަތުގެ އިނގިލި ދިއްކުރުމަކީ އިންސާފުވެރި ގޮތެއްތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އައްސަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ތަހުގީގު ލަސްވެއްޖެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަމޭ އަންނެޗުރަލީ ލަސްވެއްޖެ ކަމަކަށެއް. ބައްލަވައިފި ކަމަށްވަންޏާ ފެނިވަޑައިގަންނަވާނެ. ރާއްޖެއަކު ނޫން ރާއްޖޭން ބޭރުގައިވެސް މިކަހަލަ އިންވެސްޓިގޭޝަންއަކީ އެއް ދުވަހުން އޯވާ ނައިޓުން ނިމޭ ކަމެއް ނޫން." އައްސަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީ ތަހުގީގާ ގުޅިގެން ކުރިއަށް ގެންދަނީ ފައިނޭންޝީއަލް އިންވެސްޓިގޭޝަނެއް ކަމަށްވާތީ ފޮލޯ ދަ މަނީ ނޫނީ ފައިސާ ދައުރުވެފައިވާ ގޮތް ހަދަން ޖެހޭ ކަމަށެވެ. ފޮލޯ ދަ މަނީ ނުހަދާ ތަހުގީގު ނުކުރެވޭނެކަން ފާހަގަކުރައްވާ އައްސަދު ވިދާޅުވީ މީހެއްގެ ހެކިބަހުން ނޫނީ ޑީއެންއޭއަކުން އެކަނި އެކަން ނުވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީ މައްސަލަތައް ލަސްވެގެން ޒިންމާއެއް އުފުލަން ޖެހޭ ކަމަށް ވަންޏާ އެ ޒިންމާ އުފުލަން ޖެހޭނީ ހަމައެކަނި އޭސީސީ ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް އައްސަދު ވިދާޅުވި އެވެ. އެސެޓްރިކަވަރީ ކޮމިޝަނާއި ޕީޖީ އަދި އޭސީސީ ޒިންމާ ވާން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްސަދު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މަންފާ ލިބުނު މީހުންގެ މައްސަލަތަކުގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ފެށުނީ ކޮވިޑާ ގުޅިގެން އައި ލޮކްޑައުނަށް ފަހުގައި ކަމަށެވެ.

"ހުޅުވުމާ ގުޅިގެން އަޅުގަނޑުމެން ފޮނުވާލިން ބައެއް މައްސަލަތަކާއި ގުޅިގެން މައުލޫމާތު ހޯދަން ބޭންކަތަކަށް. ފޮނުވާލީމަ ޗޯކު ވީ. އެމީހުން ވިދާޅުވަނީ ތިމަންނާމެންވެސް ކޮންމެސް ވަރަކަށް މީހުން މަދުކޮށްގެންނޭ މަސައްކަތް ކުރަން ޖެހެނީ." އެމްއެމްޕީއާރުސީ ތަހުގީގުތައް ލަސްވާ ސަބަބެއް ގޮތުގައި އައްސަދު ވިދާޅުވި އެވެ.

ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްނުކޮށް ފުރިހަމަ ނޫން މައްސަލައެއްގައި ދައުވާ ކޮށްދޭން އެދުމުން ޕީޖީއިން އެމައްސަލަ އަނބުރާ ފޮނުވާލާނެ ކަން ފާހަގަކޮށް އައްސަދު ވިދާޅުވީ އެހެންވާން ބޭނުން ނުވާ ކަމަށެވެ. އޭގެ އިތުރުން ތަހުގީގު ޓީމުގައި އިންވެސްޓިގޭޓަރުން މަދުވުމުން އެކަމުގެ ޝަކުވާ އައްސަދު ކުރެއްވި އެވެ. މިހާރު އެސެޓް ރިކަވަރީ ކޮމިޝަނުގައި މަސައްކަތް ކުރަނީ އޭސީސީގެ ހަތް އިންވެސްޓިގޭޓަރުންނެވެ.

އޭގެ އިތުރުން ތަހުގީގީ އިދާރާތަކުން ތަހުގީގު ކުރިއަށް ގެންގޮސްފައި ހުރި ގޮތަށް އައްސަދު ފާޑު ވިދާޅުވި އެވެ، އޭނާ ވިދާޅުވީ މައްސަލަތައް ބަލާއިރު ހަމައެކަނި ތުހުމަތުވާ މީހާއަށް ބެލުމަށް ފަހު ވަށައިގެންވާ ކަން ކަމަކަށް ނުބަލާ ތަހުގީގުތައް ނިންމާފައި ހުރި ކަމަށެވެ.

"މީގެ ތެރެއަށް ވަތްއިރު އަޅުގަނޑު ގަބޫލުކުރިން 200 އަހަރުވެފައި ހުރި އިންސްޓިޓިއުޝަން ތަކުގެ އިންސްޓިޓުއޝަން މެމޮރީއިން އަޅުގަނޑަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް. އެހެންނަމަވެސް ކަންވީކީ އެހެނެއް ނޫން. ދެން މިއީ ކުޑައިމިސް ބަހެއް ކަމަށްވަންޏާ މިއީ ކުޑައިމިސް ބަހެއް. ވަރަށް ސާފޭސް ލެވަލްގައި އިންވެސްޓިގޭޝަން ހިނގާފައި ނިންމާލާތަން އަޅުގަނޑަށް ފެނުނީ." އައްސަދު ވިދާޅުވި އެވެ.

މިއަދު ކޮމިޓީގައި އައްސަދު ވިދާޅުވީ 20 ވަރަކަށް މީހުންގެ މައްޗަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ. އެހެން ނަމަވެސް ސީދާ ތާރީހެއް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މައްސަލަ ބެލުން ލަސްވާތީ އާންމު ރައްޔިތުންނާއި މަޖިލިސް މެމްބަރުންގެ ފާޑު ކިޔުން އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނަށް ވަނީ އަމާޒުވެފަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ އަދަދު މިހާތަނަށް ވަނީ 300 އަށް އަރާފަ އެވެ. އަދި ނުއަގުގައި ވިއްކާފައިވާ ރަށްތަކާ ފަޅުތަކުން، ގެއްލިފައިވާ ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

comment ކޮމެންޓް