އެމްޓީސީސީއިން "މައިކްރޯސޮފްޓް ޑީ 365" ބޭނުންކުރަން ފަށައިފި

އެމްޓީސީސީއިން މައިކްރޮސޮފްޓް ޑީ365އަށް އަޕްގްރޭޑް ކުރުން-- ފޮޓޯ/އެމްޓީސީސީ

އެމްޓީސީސީން ބޭނުންކުރަމުން އައި "މައިކްރޮސޮފްޓް ސޮލޮމަން" އެންޓަޕްރައިސް ރިސޯސް ޕްލޭނިން (އީއާރުޕީ) ސޮފްޓްވެއާ "މައިކްރޮސޮފްޓް ޑީ365"އަށް އަޕްގްރޭޑްކޮށް ލައިވްކޮށްފި އެވެ.

މިއަދު ހެނދުނު 8:30ގައި ކުންފުނީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސޮފްޓްވެއާ ބޭނުންކުރަންފެށުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އަލަށް އިފްތިތާހުކުރި މި ސިސްޓަމްގެ ސަބަބުން އެމްޓީސީސީގެ މަސައްކަތްތަކާއި ހިންގުން ހަރުދަނާވެ މައުލޫމާތު އެއްކުރުމާއި ހޯދުމުގައާއި މާލީ ރިޕޯޓިންގައި ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މި ސިސްޓަމަކީ އެއް އަހަރު ދުވަހުގެ ރޭވުމާއެކު އެމްޓީސީސީގެ މުވައްޒަފުންނާއި މި މަޝްރޫއުގެ ބައިވެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އެކުންފުނިން ފާހަގަކުރެ އެވެ.

"މައިކްރޮސޮފްޓް ޑީ365 "ސޮފްޓްވެއާއަކީ މައިކްރޮސޮފްޓް ކުންފުނިން ކުންފުނިތަކުގެ ރިސޯސް މެނޭޖްކުރުމަށް ފަރުމާ ކޮށްފައިވާ އެންމެ ފަހުގެ ސޮފްޓްވެއާއެވެ.

މި ސޮފްޓްވެއާއަކީ މައިކްރޮސޮފްޓް "އޮފީސް 365 "އާއި އިންޓަގްރޭޓްވާ ގޮތަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާއެއް ކަމުން މަސައްކަތުގައި ކުންފުންޏަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އެމްޓީސީސީގެ އުންމީދަކީ އަލަށް މި ލޯންޗުކުރި ސޮފްޓްވެއާގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެން ދިއުމެވެ.

comment ކޮމެންޓް