ޝިފާއަށް ދައުވާ ކުރަން ފޮނުވިތާ 22 ދުވަސް، އަދިވެސް ގޮތެއް ނިނުމޭ

މާލޭ ސިޓީ މޭޔަރު ޝިފާ: ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ކުރުމާމެދު އަދި ގޮތެއް ނުނިންމަވާ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ބްރިޖުކައިރީ ހަދާފައިވާ އަޑިޕާކުގެ ކޮރަޕްޝަންގެ މައްސަލާގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދައުވާ ކުރަން ފޮނުވި މައްސަލާގައި އަދި ގޮތެއް ނުނިންމާކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން ބުނެފި އެވެ.

ޕާކްގައި ހެދި ދެ ފާހަނާ ބަރި ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭތީވެ، ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މިދިޔަ މަހު 29 ވަނަ ދުވަހު އެވެ. އެފަހުން މިހާރު 22 ދުވަސް ވަނީ ފާއިތުވެފަ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ދައުވާ ކުރުމާމެދު އަދި ގޮތެއް ނުނިންމާކަމަށެވެ.

"އަދި ވަކި ގޮތެއް ނުނިންމާ އެ މައްސަލައިގައި،" އޮފިޝަލް ވިދާޅުވި އެވެ.

އިއްޔެ ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅިގެން ދައުވާ ކުރުން ލަސްވާތީ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ޝިފާއާ އޭނާއާ އައިލީ ގޮތުން ގުޅުން އޮންނާތީވެ، އެ މައްސަލައިން ތަނާޒުލްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ޝިފާއަކީ އަޅުގަނޑު ދެބެއިންގެ ދެދަރި ކުއްޖެއް. އެހެންވީމަ އަޅުގަނޑަށް ނުކެެރޭނެ [ސުވާލަށް އެއްޗެއް ދަންނަވާކަށް]. އަޅުގަނޑު އެ ފައިލެއް ނުވެސް ބަލަން އަދި ނުވެސް ދެކެން. އަޅުގަނޑު ވާނީ އެ މައްސަލައިން ތަނާޒުލްވެފައި،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، އޭނާގެ ބެލުމުގެ ދަށުން ހިނގާ މައްސަލަތަކުގައި ބައްލަވަނީ ވީހާ ވެސް އަވަހަށްކަށް ގޮތެއް ނިންމުމަށް ކަމަށެވެ. އެގޮތުން މައްސަލަ ޕްރޮސެސް ކުރުމަށް އެވްރޭޖްކޮށް މިހާރު ނަގާ މުއްދަތަކީ 10 ދުވަސް ކަމަށާއި ހަތަރެއް ނުވަތަ ފަސް ދުވަސް ތެރޭ ވެސް ބައެއް މައްސަލަތަކުގައި ގޮތް ނިންމާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި ޝިފާގެ މައްޗަށް ދައުވާ އުފުލަން ޖެހެނީ، ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވަނީސް، އަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ސިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔާ ޝިފާއަށް ކަން ތަހުގީގަށް ސާބިތުވާތީ ކަމަށެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެމެ، ޝިފާ އެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލައިގައިވެސް އަދި މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން އޭނާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް އިރަކު، ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ މުދަލާމެދު އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

comment ކޮމެންޓް