ރާއްޖެއަށް އިތުރު ސަބްމެރީން ކޭބަލް ގެންނަނީ

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާރު ބޮޑު ހަރަދެއް ކުރަން ޖެހޭތީ ރާއްޖެއަށް އިތުރު ސަބްމެރީން ކޭބަލެއް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ވިއެޓްނާމްގެ އިންފޮމޭޝަން މިނިސްޓްރީ އާއި އައިޓީޔޫ އާއެކު ކުރިއަށްދިޔަ ރައުންޑްޓޭބަލް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ބްރޯޑްބޭން ސާވިސް ތަކަށް ބަލާއިރު އިންޓަރނޭޝަނަލް ކަނެކްޓިވިޓީ އަކީ ވަރަށް ބޮޑު ހަރަދެއް ހޭދަވާ ކަމެއް ކަމަށެވެ.

އެހެންކަމުން އިތުރު ކޭބަލް ގެނައުމުގެ މަސައކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ އެކު އެނގިގެން ދިޔައީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެގެންދިޔަ އެއް ހިދުމަތަކީ އިންޓަނެޓު ކަމަށާއި އެއާއެކު ސަރުކާރާއި އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ ނެޓްވޯކް އެންމެ ރަނގަޅަށް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މޯބައިލް ޓެލެފޯނުގެ ހިދުތާއި، ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދެވިފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮވިޑް-19 އާއެކު އިއުލާނުކުރި ފުރަބަންދާއެކު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ އާއި އެލޮވެންސް އަދި އިތުރު ލުއިތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

ކޮވިޑް19ގެ ހާލަތުން ފިލާވަޅުނަގައި، ކުރިއަށް އޮތްތަނުގައި ދިމާވެދާނެ އެފަދަ ކަމަކަށްޓަކައި މިއަދު އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ހިދުމަތްތަކުގެ ކޮލިޓީ، ކަވަރޭޖް އަދި އަގު މިހާރަށްވުރެން ރަނގަޅުކުރަންޖެހޭ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މަލީހު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައިވެސް ކޮވިޑް-19ގެ ހާލަތު ބަދަލުކުރުމަށްޓަކައި އައިސީޓީ ވެގެންދިޔައީ ބޮޑު އެހީއަކަށް ކަމަށެވެ.

comment ކޮމެންޓް