ޖާގަ ފުރި، 340 ގައިދީން ޖަލުތަކުގައި އިތުރަށް އެބަތިބި: އިމްރާން

މާލޭ ޖަލު: ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި ޖަލުތައް މިހާރު ހުރީ ފުރިފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކަރެކްޝަނަލް ސާވިސްގެ ބެލުމުގައި ހުރި ޖަލުތަކުގައި ޖާގައަށް ވުރެން އިތުރަށް 30 އިންސައްތަ މީހުން މިހާރު ވެސް އެ ޖަލުތަކުގައި އެބަހުރި ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނޭކުރެެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ އަމަލީ މަސައްކަތް ފެށިފައި ނުވާތީ ދެވަނަ ފަހަރަށް މިނިސްޓަރު އިމްރާން މިއަދު މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ކުރި ސުވާލުތައްކަށް ޖަވާބުދެއްވަމުން ވިދާޅުވީ، ޖަލުތައް ފުރެމުންދާއިރު ރާއްޖޭގައި އިތުރު ޖަލެއް އެޅުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށާއި ނަމަވެސް އެ މަސައްކަތް ހުއްޓިފައި އޮތީ ކޮވިޑާއި ގުޅިގެން ކަމަށެވެ.

"މިއަދުވެސް ގާތް ގަނޑަކަށް ޖަލުގެ 1700 އެއްހާ ގައިދީން އެބަތިބި. އެހެން ނަމަވެސް އަޅުގަނޑުމެން ކަރެކްޝަން ސާވިސްގެ ދަށުގައި ސީދާ ޖާގަހުރި 1360 ޖާގަ. އެހެންވީމާ ގާތްގަނޑަކަށް 30 ވަރަކަށް ޕަސެންޓް އިތުރުކޮށް މިހާރު ވެސް ޖަލުގައި ގައިދީންގެ ގޮތުގައި ގެންގުޅެން ޖެހިފައި ހުރީ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ޖަލުތަކުގެ ޖާގައަށް ވުރެން އިތުރަށް މިހާރު ވެސް 340 ގައިދީއަކު ތިބިކަން މިނިސްޓަރު ފާހަގަކޮށް ވިދާޅުވީ، މިހާރު ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ 10 އިންސައްތަ މީހުނަށް ހުކުމް ކޮށްފި ނަމަ 400 އެއްހާ ގައިދީން އިތުރަށް ޖަލަށް ދާން ޖެހޭނެ ކަމަށެވެ. އަދި އެ ގައިދީން ބަލަަހައްޓާނެ އިތުރު ގޮތެއް ހޯދަން ޖެހިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ނޮން ކަސްޓޯޑިއަލް މެސާޝްތައް އެއީ އަޅުގަނޑުމެން ކޮންމެހެން ބޭނުންވާ ކަމެއް ކަން އަޅުގަނޑުމެން ފާހަގަކުރަން. މި ވިސްނުމުގެ ތެރެއިން އިންޓިމިޑޭޝަން ގައިޑްލައިން ހެދުމުގެ މަސައްކަތް އެބަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އަންނަ އަހަރު ފެށޭއިރު ޖަލަށް މީހުން ލުމުގެ ބަދަލުގައި އެހެނިހެން އަދަބުތައް ދިނުމަށް އެކުލަވާކަން ޖެހޭ އުސޫލުތައް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓަރު ވަނީ ފާހަގަކޮށްފަ އެވެ.

ގައިދީންނަށް ޕެރޯލް ދިނުމަށްފަހު މުޖުތަމައުއަށް އެމީހުން އަނބުރާ ގެނައުމަށް އަހްލުވެރިކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ޖަލުތައް ފުރުމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަންޖެހޭ ބައެއް ގައިދީން ވަނީ ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ވެސް ބަހައްޓާފަ އެވެ.

އާދައިގެ ކުށްވެރިން ޓެގު އެޅުވުމަށާއި "ޕްރީފެބް" ޖަލުތަކުގައި ބޭތިއްބުމަށް ކުރިން ރޭވި ކޮންސެޕްޓަށް އަމަލުކުރި ނަމަ، ޖަލުތަކުގެ ޖާގައިގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް