ޝިފާގެ ކޮރަޕްޝަންގެ މައްސަލައިން ޕީޖީ ޝަމީމް ތަނާޒުލްވެއްޖެ

މާލޭ މޭޔަރު ޝިފާ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ތަނާޒުލްވެއްޖެ އެވެ.

މާލޭ ލޮނުޒިޔާރަތްކޮޅުގައި ހަދާ ޕާކްގެ ހެދި ދެ ފާހަނާ ބަރީ ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭތީވެ، އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ތަހުގީގު ނިންމައި ޝީފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

އިއްޔެ ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ޝިފާއަކީ އޭނާއާ އައިލީ ގޮތުން ގުޅުން އޮންނަ މީހަކަށްވުމުން ގާނޫނުގައި ބުނާގޮތުން އޭނާގެ މަސްލަަހަތު ފުށުއަރާނެތީވެ، އެ މައްސަލައިން އޭނާ ތަނާޒުލްވެފައިވާ ކަމަށެވެ. އެހެންވެ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދިނުމަށްވެސް ޝަމީމް އުޒުރުވެރިވި އެވެ.

"ޝިފާގެ މައްސަލާގައި އަޅުގަނޑަށް ލާހިކެއް ނޫން އެއްޗެއް ދަންނަވާކަށް... ޝިފާއަކީ އަޅުގަނޑު ދެބެއިންގެ ދެދަރި ކުއްޖެއް. އެހެންވީމަ އަޅުގަނޑަށް ނުކެެރޭނެ [ސުވާލަށް އެއްޗެއް ދަންނަވާކަށް]. އަޅުގަނޑު އެ ފައިލެއް ނުވެސް ބަލަން އަދި ނުވެސް ދެކެން. އަޅުގަނޑު ވާނީ އެ މައްސަލައިން ތަނާޒުލްވެފައި،" ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ތަފާތުކުރުން ގެންގުޅެނީ ކީއްވެތޯ ސުވާލު އުފައްދައި ޝިފާގެ މައްސަލަ މިސާލެއްގެ ގޮތުގައި ނަގައި، ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، އޭނާގެ ބެލުމުގެ ދަށުން ހިނގާ މައްސަލަތަކުގައި ބައްލަވަނީ ވީހާ ވެސް އަވަހަށްކަށް ގޮތެއް ނިންމުމަށް ކަމަށެވެ. އެގޮތުން މައްސަލަ ޕްރޮސެސް ކުރުމަށް އެވްރޭޖްކޮށް މިހާރު ނަގާ މުއްދަތަކީ 10 ދުވަސް ކަމަށާއި ހަތަރެއް ނުވަތަ ފަސް ދުވަސް ތެރޭ ވެސް ބައެއް މައްސަލަތަކުގައި ގޮތް ނިންމާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާގެ މައްސަލައިގައި ދައުވާ ކުރުމަށް އެދި އޭސީސީން ފޮނުވީ، މިދިޔަ މަހު 29 ވަނަ ދުވަހު އެވެ. އެފަހުން 22 ދުވަސް ފާއިރުވެފައިވާއިރު، އަދިވެސް އެ މައްސަލައިގައި ގޮތެއް ނިންމައިފައިވާކަން ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ.

ޝަމީމް ވިދާޅުވީ، އޭނާއާ ނުބެހި އެކަމާ ގުޅޭ ގޮތުން ޖަވާބެއް އެރުވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި ޝިފާގެ މައްޗަށް ދައުވާ އުފުލަން ޖެހެނީ، ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވަނީސް، އަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ސިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔާ ޝިފާއަށް ކަން ތަހުގީގަށް ސާބިތުވާތީ ކަމަށެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެމެ، ޝިފާ އެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލައިގައިވެސް އަދި މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން އޭނާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް އިރަކު، ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ މުދަލާމެދު އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

comment ކޮމެންޓް