އަނެއްކާވެސް ހަމަ އެ ދަނޑުގައި، ހަމަ އެ ރަޝްފޯޑް

ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

މީގެ ދެ ސީޒަން ކުރިން ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމުގައި އެ ޓީމު ބަލިކުރި މެންޗެސްޓާ ޔުނައިޓެޑު އަނެއްކާވެސް އެކަން ތަކުރާރު ކުރި އިރު، މިފަހަރުވެސް ފަހު ވަގުތު ލަނޑު ޖަހައި އެ ޓީމު ސަލާމަތް ކޮށްދިނީ މާކަސް ރަޝްފޯޑް އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ހޯމް ޓީމުގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. ކޮލިފައި ނުވުމުގެ ސަބަބުން މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ވާދަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް އެ ޓީމުން ވަނީ ޔޫރޮޕާ ލީގުގެ ކުއާރޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން ހެރީ މެގުއާ އާއި ފިޓްނަސްގެ ސަބަބުން ދާދި ފަހުން ޔުނައިޓެޑާ ގުޅުނު އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ނުލައި ޔުނައިޓެޑް ޕެރިހަށް ދިއުމުން އެ ޓީމަށް މެޗުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެހެން ނަމަވެސް އެ މެޗުގައި ގިނަ ހަމަލާތައް އުފައްދާ މޮޅަށް ކުޅުނީ ޔުނައިޓެޑުންނެވެ.

ރޭގެ މެޗުގައި ފުރަތަމައިން ލަނޑު ޖަހައި ލީޑު ނެގީ ވެސް ޔުނައިޓެޑުންނެވެ. އެންތޮނީ މާޝިއަލްއަށް ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑަށް ލިބުނު ފުރަތަމަ ޕެނަލްޓީ ބުްރޫނޯ ފަނަންޑޭޒް ފޮނުވާލި އިރު، ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. އެކަމަކު މާ އަވަހަށް ރޮނގުމަތިން ނުކުން ކަމަށް ބުނެ ރެފްރީ ވަނީ ދެވަނަ ފަހަރަކަށް އެ ޕެނަލްޓީ ޖަހުވައިފަ އެވެ. ދެވަނަ ޕެނަލްޓީ ވަރަށް ހަމަޖެހިލައިގެން ކުރި ފަނޭންޑޭޒް ވަނީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޕީއެސްޖީން މެޗުގައި ފުރުސަތުތަކެއް އުފެއްދި އިރު ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާއާއި ޑިފެންޑަރުން ވަނީ ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ. އެހެން ނަމަވެސް މޮޅަށް ކުޅުނު އެ ޑިފެންސަށް ނުހުއްޓުވުނީ އެ ޓީމުގެ ފޯވާޑް އެންތޮނޯ މާޝިއަލް އަތުން ދެވަނަ ހާފުގައި ބައި ކޮޅަށް ވަން ގޯލެވެ.

މެންޗެސްޓާ ޔުނައިޓެޑުން މެޗުގެ ދެވަނަ ފަހަރަށް ލީޑު ނެގީ މެޗު ނިމެންދަނިކޮށް ރަޝްފޯޑް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ. މިދިޔަ އަހަރު މި ދެ ޓީމު އެ ސްޓޭޑިއަމުގައި ކުޅުނު އިރު ވެސް ފަހު ވަގުތު ޔުނައިޓެޑަށް މެޗު ކާމިޔާބުކޮށްދިން ރަޝްފޯޑު ވަނީ ޔުނައިޓެޑަށް އެ މެޗުގެ ހަނދާންތައް ގެނެސްދީފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގުން ވަނީ ތުރުކީގެ އިސްތަންބޫލް ބަސަކްޝެހިރް އަތުން 2-0 އިން މޮޅުވެފަ އެވެ.

comment ކޮމެންޓް