ތިން މަސް ތެރޭ 27،000 އަށް ވުރެ ގިނަ ފަތުރުވެރިން

ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭގައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ބޯޑަރު ހުޅުވާލިތާ ތިން މަސް ތެރޭ ރާއްޖެއަށް 27،217 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު ބޯޑަރު ހުޅުވާލިތާ ތިން ވަނައަށް ވީމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ މަހާ އަލާބަލާއިރު 56 ޕަސެންޓް އިތުރުވެފަ އެވެ.

ކޮވިޑް19 ގެ ހާލަތާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗު 27 ވަނަ ދުވަހު އެވެ. ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން ޖުލައި 15 ގައި ވަނީ ބޯޑަރު ހުޅުވާލައިފަ އެވެ.

އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އޮކްޓޯބަރު މަހުގެ ފުރަތަމަ 15 ދުވަސް ތެރޭ 8،350 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާ އިންނެވެ. ރަޝިއާ އިން 2،308 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެމެރިކާ އިން 656 ފަތުުރުވެރިން އަދި ޔޫއޭއީ އިން 444 ފަތުރުވެރިން މި މުއްދަތުގައި ރާއްޖެ އައިސްފައިވެ އެވެ.

އެ ތަފާސް ހިސާބަށް ބަލާއިރު މިމަހުގެ ފުރަތަމަ 15 ދުވަހުގެ ތެރެއިން އެންމެ ގިނަ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހު 1،025 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލުމާއެކު ރާއްޖެ އަންނަ އެއާލައިން ތަކުގެ އަދަދުވެސް ވަނީ އިތުރުވާން ފަށައިފަ އެވެ. އިތުރު އެއާލައިންތަކުންވެސް ރާއްޖެއަސް ދަތުރު ފަށަން ދަނީ ތައްޔާރުވަމުންނެވެ. ކުރިއަށް އިތް ފަތުރުވެރިކަމުގެ ސީޒަނުގައި ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު މިމަހުގެ 15 އިން ފެށިގެން ގެސްޓްހައުސްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.

comment ކޮމެންޓް