ހަ ދުވަސް ތެރޭ މާފުއްޓަށް 100 އަށްވުރެ ގިނަ ފަތުރުވެރިން

މިމަހުގެ 15 ވަނަ ދުވަހު މާފުއްޓަށް ޒިޔާރަތްކުރި ފަތުރުވެރިން ތަކެއް -- ފޮޓޯ: ޓްވިޓާ

ކޮވިޑް19ގެ ބަލިމަޑުމަކާއެކު އެންމެ ބޮޑު އަސަރެއް ކުރި އެއް ދާއިރާ އަކީ ފަތުރުވެރިކަމުގެ ދާއިރާ އެވެ. ބޯޑަރު ބަންދުކޮށް ފަތުރުވެރިން އައުން ހުއްޓާލުމާއެކު ރިސޯޓު ހޮޓާ އަދި ގެސްޓްހައުސްތަކުގެ އާމްދަނީ އެއްކޮށް ހުއްޓިގެން ދިޔަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ނިވެމުން ދިޔަ ހުޅުކޮޅަށް ދިރުމެއް އައީ ޖުލައި 15 ގައި ބޯޑަރު ހުޅުވާލާ ފަތުރުވެރިން ރާއްޖެ އަންނަން ފެށުމުންނެވެ.

ޖުލައި 15 އިން ފެށިގެން އޮކްޓޯބަރު 14 އާއި ހަމައަށް ރާއްޖޭގެ ޓޫރިސްޓު އެސްޓެބްލިޝްމެންޓުތަކުގެ ތެރެއިން ހިދުމަތް ދެމުން ގޮސްފައިވަނީ ރިސޯތުތަކާއި ސަފާރީ އަދި ހޮޓާ ތަކުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ދިނީ މިމަހުގެ 15 އިން ފެށިގެންނެވެ. އޮކްޓޯބަރު 15 އިން ފެށިގެން ގެސްޓްހައުސްތަކަށް ފަތުރުވެރިން އަންނަން ފެށިތާހަ ދުވަސް ފެދައިވާއިރު، އެންމެ ގިނަ ގެސްޓްހައުސް އެނދު ހުންނަ ކ. މާފުއްޓަށް މިހާތަނަށް 100 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝދު ވިދާޅުވީ އެރަށަށް ހަގީގީ އުފާވެރިކަން އައިސްފައިވާ ކަމަށާއި ހަ ދުވަސް ތެރޭ 102 ފަތުރުވެރިން މާފުއްޓަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

މާފުއްޓަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ގެސްޓްހައުސް އެނދު ހުންނަ އެންމެ ފުޅާ ދާއިރާއެއްގައި އެ ސިނާއަތުގައި ހަރަކާތްތެރިވާ ރަށެވެ.

އެރަށުގައި 35 އަށް ވުރެ ގިނަ ގެސްޓްހައުސް ހުރިއިރު، އެނދުގެ އަދަދު ހުރީ 1،100 އިން މަތީގަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، މިހާތަނަށް 28 ގެސްޓްހައުސް އަކަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައި ވެއެވެ. އޭގެ ތެރޭގައި މާފުށީގައި ހިންގާ ހަ ގެސްޓްހައުސް ހިމެނެ އެވެ.

އަލުން ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ ދެނީ، ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމުންނެވެ. އެގޮތުން ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި ފަތުރުވެރިންނާއި އާންމުން ހިމެނޭގޮތުން، އެންމެން މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދެނީ ރަށުފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަކޮށް، އެރަށެއްގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދިނުނަށް ރަށު ކައުންސިލްގެ އިއުތިރާޒު ނެތްނަމަ އެވެ. ކޮންމެ ރަށެއްގައިވެސް ހާއްސަ ފްލޫކްލިނިކަކާއި އައިސޮލޭޝަނަށް ހާއްސަ އެނދު ބަހައްޓަން ޖެހެ އެވެ.

ރާއްޖޭގެ 86 ރަށުގައި 10،000 އަށްވުރެ ގިނަ ގެސްޓްހައުސް އެނދު ހުރި އިރު 6000 އަށްވުރެ ގިނަ ރައްޔިތުންގެ އާމްދަނީ އާއި ވަޒީފާ ގުޅިފައި ވަނީ ގެސްޓްހައުސް ސިނާއަތަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 ޕަސެންޓަކީ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް