ޓީޗަރުގެ މަރާ ގުޅިގެން ފްރާންސްގެ މިސްކިތެއް ބަންދުކޮށްފި

ބަންދުކުރި ފްރާންސްގެ މިސްކިތް --

ފަރަންސޭސި ވިލާތުގައި ދާދި ފަހުން ޓީޗަރަކު މަރާލި ހާދިސާއަށް ފަހު، އެގައުމުގެ ވެރިރަށް ޕެރިސްގައި ހުންނަ މިސްކިތެއް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ޕެރިސްގައި ހުންނަ ގްރޭންޑް މޮސްކޮ އޮފް ޕެންޓިންއިން ވަނީ ހިސްޓްރީ ޓީޗަރު ސެމުއަލް ޕެޓީ މަރާލުމުގެ ދުވަސްކޮޅެއް ކުރިން އޭނާއަށް ފާޑުކިޔައިފައިވާ ވީޑިއޯއެއް ފޭސްބުކްއަށް އަޕްލޯޑްކޮށްފަ އެވެ.

ޓީޗަރުގެ މަރާ ގުޅިގެން ފްރާންސުން މިހާރު ދަނީ މީހުންގެ މެދުގައި "ނަފްރަތު" އުފެދޭނެ ވާހަކަތައް އިމާމުންނާއި އެފަދަ ފަރާތްތަކާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ފަށައިފަ އެވެ.

ސެމުއަލް މަރާލީ ޗެޗްނިއާއަށް ނިސްބަތްވާ މުސްލިމް މީހެކެވެ. ސެމުއަލް ވަނީ މަޝްހޫރު ޗާލީ ހެބްދޯގެ ކާޓޫން ތަކެއް ފްރާންސްގެ ކްލާހެއްގައި ދަރިވަރުންނަށް ދައްކައިފަ އެވެ.

ބަންދުކުރި މިސްކިތުން އަޕްލޯޑްކުރި ވީޑިއޯގައި ވަނީ އެ ކްލާހުގައި ހިމެނޭ ދަރިވަރެއްގެ ބައްޕަ ވާހަކަ ދައްކައިފަ އެވެ. އަދި މަރާލީ ޓީޗަރު ވަޒީފާއިން ވަކިކުރަން ބޭނުންވާ ވާހަކަ ވެސް ދަރިވަރުގެ ބައްޕަ ބުނެފައިވެެ އެވެ.

މުޅި ޔޫރަޕްގައިވެސް އެންމެ ގިނައިން މުސްލިމުން ދިރިއުޅޭ ގައުމަކީ ފްރާންސެވެ. ނަމަވެސް އެގައުމުގައި މުސްލިމުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ އެވެ.

ޓީޗަރު މަރާލި ހާދިސާގެ ދުވަސްކޮޅެއް ކުރިން ކުރިން ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން ވަނީ މުސްލިމުންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއްވެސް ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި މުސްލިމުންގެ މައްސަލަތައް ވަރަށް ބޮޑު ކަމަށެވެ.-- އަލްޖަޒީރާ--

comment ކޮމެންޓް