އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތައް އިންޑޮނޭޝިއާގައި ޖައްސަން ހުއްދައެއް ނުދިން

އެމެރިކާގެ ނޭވީގެ ޕީ-8 މަތިންދާބޯޓެއް (ވ) --- ފޮޓޯ: އޭއެފްޕީ

ޖަކާޓާ (އޮކްޓޯބަރު 21): އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކެއް އިންޑޮނޭޝިއާގައި ޖައްސާ، ތެޔޮ އަޅަން ހުއްދަ ދޭން އެމެރިކާއިން މި އަހަރު ތެރޭ އެދުނު ނަމަވެސް އިންޑޮނޭޝިއާއިން އެ ހުއްދަ ދޭން ދެކޮޅު ހެދި ކަމަށް، ކަމާ ގުޅުން ހުރި ހަތަރު އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދިން އިންޑޮނޭޝިއާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މިދިޔަ ޖުލައި މަހާއި އޮގަސްޓު މަހު އެމެރިކާގެ އޮފިޝަލުން ވަނީ އެގައުމުގެ ޕީ-8 ޕޮސައިޑަން މެރިޓައިމް ސަވެއިލެންސް މަތިންދާބޯޓުތައް އިންޑޮނޭޝިއާގައި ޖައްސަން ހުއްދަ ހޯދުމަށްޓަކައި އެގައުމުގެ ދިފާއީ އަދި ހާރިޖީ މިނިސްޓަރުންނާ ބައްދަލުކޮށްފަ އެވެ. ނަމަވެސް އެ ހުއްދަ ދެއްވުމަށް ރައީސް ޖޯކޯ ވިޑޯޑޯ ދެކޮޅު ހެއްދެވި އެވެ.

އެ އޮފިޝަލުންގެ ވާހަކަތަކާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން އިންޑޮނޭޝިއާގެ ރައީސާއި ޑިފެންސް މިނިސްޓަރާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާއި ޖަކާޓާގައި ހުންނަ އެމެރިކާގެ އެމްބަސީ ތަމްސީލު ކުރައްވާ ފަރާތްތަކަށް ފުރުސަތު ދިން ނަމަވެސް، އެ ފަރާތްތަކުން ޖަވާބެއް ނުދިން ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކުރި އެވެ.

އިންޑޮނޭޝިއާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެގައުމުން އަބަދުވެސް ގެންގުޅެނީ ވަކި ފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް ކަމުން އެމެރިކާގެ ޖާސޫސީ ބޯޓުތައް އެގައުމުގައި ޖައްސަން ހުއްދައަށް އެދުން ވެގެން ދިޔައީ ހައިރާން ކުރުވި ކަމަކަށެވެ. އަދި އެގައުމުގައި ބޭރުގެ އަސްކަރިއްޔާއެއް ހަރަކާތްތެރި ވާން އެގައުމުން އެއްވެސް އިރެއްގައި ހުއްދަ ނުދޭކަން އެ އޮފިޝަލުން ފާހަގަ ކުރެއްވި އެވެ.

އެމެރިކާއިން މި ސަރަހައްދުގައި ޕީ-8 ބޯޓުތައް ބޭނުން ކުރާ ސަބަބުތަކުގެ ތެރޭގައި ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް ބަލަމުން ދިޔުން ހިމެނެ އެވެ. ދެކުނު ޗައިނާ ކަނޑުގެ ބައެއް ސަރަހައްދުތަކަކީ އޭގެ މިލްކިއްޔަތާ ބެހޭ ގޮތުން ޗައިނާ އާއި ވިއެޓްނާމް އާއި މެލޭޝިއާ އާއި ފިލިޕީންސްއާ ދެމެދު ދެބަސްވުންތައް އުފެދިފައިވާ ސަރަހައްދުތަކެވެ. އަދި އެމެރިކާއިން ވަނީ ޕީ-8 ފްލައިޓުތައް ދެކުނު ޗައިނާ ކަނޑުގައި އޮޕަރޭޓު ކުރުމަށް ސިންގަޕޫރާއި ފިލިޕީންސް އާއި މެލޭޝިއާގެ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްފައި ކަމަށް އަސްކަރީ އެނެލިސްޓުން ވިދާޅުވެ އެވެ.

comment ކޮމެންޓް