ނޯރާ ފަތެހީގެ މިފަހަރުގެ ލަވަ ކަމުދޭތަ؟

ލަވައިގެ މަންޒަރެއްގައި ނޯރާ---

މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތެހީގެ ފަރި ހަރަކާތްތަކެއް ފެނިގެންދާ ލަވައެއް ދައްކާލައިފިއެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނޯރާ މިފަހަރު ކުޅުނު ލަވައަކީ "ނާޗް މެރީ ރާނީ" އެވެ. މި މިއުޒިކް ވީޑިއޯއަކީ ގުރޫ ރަންދާވާ އާއި ނިކީތާ ގާންދީގެ ލަވައެކެވެ. މި ލަވަ އިވިގެންދިޔައީވެސް މި ދެތަރިންގެ ހިތްގައިމު އަޑުންނެވެ. މަޝްހޫރު ކޮރިއޮގްރަފަރު ބޮސްކޯގެ ކޮރިއޮގްރާފްކޮށްދިން އެ ލަވަގައި ނޯރާ ފެނިގެންދަނީ ރޮބޮޓެއްގެ ގޮތުގައެވެ. އެ ރޮބޮޓަކީ ލަވައިން ފެނިގެންދާ ރަންދާވާ ސައިންސް މަސައްކަތަކަށް ތައްޔާރުކުރާ އެއްޗެކެވެ. ނޯރާގެ ރޮބޮޓް ނެށުން ވެސް މި ލަވައިން މިވަނީ ފެނިގެން ގޮސްފައެވެ.

ދިލްބަރު ލަވައިގެން އާންމުގެ މެދުގައި މަގްބޫލުކަން ހޯދި ނޯރާ ވަނީ މިހާތަނަށް ހިޓު ލަވަތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ލަވަތަކަކީ "އޯ ސާކީ ސާކީ"، "ޕިޔާރު ދޯ، ޕިޔާރު ލޯ" އަދި "އޭކް ތޯޯ ކަމް ޒިންދަގާނީ" ހިމެނެއެވެ. ނޯރާގެ ވީޑިއޯ ލަވަތައް ބޮލީވުޑްގައި "ރަނިކަން ކުރަމުން" އަންނައިރު އޭނާ ވަނީ ވިކީ ކޯޝަލްއާ އެކު "ޕަޗްތާއޯގޭ" ކިޔާ ލަވައެއްވެސް ކުޅެފައެވެ. އަދި އެ ލަވައިގެ އަންހެން ވާޝަނުގައި ވެސް ނޯރާ ވަނީ ހަރަކާތްތެރިވެފައެވެ.

comment ކޮމެންޓް