މަހްލޫފްގެ ރައްދު ހަސަން ލަތީފަށް: ދެ އަހަރު ތެރޭ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސްފި

ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (ކ) ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް (ވ) --- ސަންފޮޓޯ

ރާއްޖޭގައި ކުޅިވަރުގެ އަދިވެސް އޮތީ 1980 ގައި ކަމަށް ދޭހަވާ ގޮތަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ދެއްކެވި ވާހަކަތަކަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ރައްދު ދެއްވައިފި އެވެ.

ރާއްޖެ ޓީވީން ގެނެސް ދިން "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގައި ކުޅިވަރުގެ ކަމަކާ ގުޅިގެން ޝަކުވާއެއް އުފުލާނެ ތަނެއް ހޯދައި ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އޭގެ ފަހުގައި ހަސަން ލަތީފް މިސާލު ޖެއްސެވީ 1980 ގެ އަހަރުތަކުގައި ހިނގި ކަމަށް ވިދާޅުވާ ބައެއް ކަންކަމަށެވެ. އަދި އެކަންކަން މިއަދު ރާއްޖޭގައި ހިނގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް އިންތިހާބުތަކުގައި ސަރުކާރުން ގަޔާ ނުވާ ގޮތަށް ވާދަ ކުރައްވާ މީހަކު، އެމީހާއާ ސަރުކާރުން ގަޔާ ނުވެއްޖެ ނަމަ އިންތިހާބު ނިމުނީމަ ނިންމާލަނީއެއް ނޫން އޭރު. އެމީހާ ފަހައި ދުވާނެ. މި ދަންނަވަނީ ގައުމީ ފެންވަރުގައި ކަންކަން ހިނގާފައި ހުރި ގޮތުގެ ވާހަކަ. ގައުމީ އިންތިހާބުތަކުގައި، 80 ގެ އަހަރުތަކުގައި. އަދި 90 ގެ ތެރޭގައި ވެސް،" ހަސަން ލަތީފް ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މި ސަރުކާރުގައި މިވޭތުވީ ދެ އަހަރު ދުވަހުވެސް ކުޅިވަރު ސިޔާސީ ނުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންގިލާބީ ބަދަލެއް ގެންނަވާފައި ކަމަށެވެ.

"ކުރިއާ އަޅާ ބަލާފަ ހުރިހާ ކުޅިވަރަކުން ވެސް އެތައް ކުރިއެރުމެއް، އެތައް ކާމިޔާބީއެއް ހޯދާފައިވާކަން ކުޅިވަރު އެސޯސިއޭޝަންތަކުން އަދި ކުޅިވަރު އެތުލީޓުން ބަލައިގަންނާނެ ކަން ކަށަވަރު." މަހްލޫފްގެ ޓްވީޓުގައި ވިދާޅުވި އެވެ.

މަހްލޫފް އެގޮތަށް ވިދާޅުވި އިރު، ކުރިން ވަންނާނެ ތަނެއް ނެތިފައި އޮތް ބައެއް އެސޯސިއޭޝަންތަކަށް މި ސަރުކާރުގައި ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީ ނަގައި ކޮޅަށް ޖަހައިފަ އެވެ. އޭގެ ތެރޭގައި ކެރަމް، ޗެސް އަދި ބޮޑީ ބިލްޑިންގް އެސޯސިއޭޝަންއަށް މީގެ ކުރިން ލިބުނު ހުރިހާ މާލީ އެހީތެރިކަން އެއްކޮށްލައިގެން ވެސް ނުލިބޭހާ ބޮޑު އެހީތެރިކަމެއް މި ސަރުކާރުގެ ކުރު މުއްދަތުގައި ލިބިފައިވާކަން ވަނީ އެސޯސިއޭޝަންތަކުން ފާހަގަ ކޮށްފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 އިން 2012 އަށް ކުޅިވަރާ ބެހޭ ވަޒީރުކަން ކުރެއްވި ހަސަން ލަތީފް ރޭގެ ޕްރޮގުރާމުގައި ވިދާޅުވީ ރައީސް މައުމޫންގެ ސަރުކާރެކޭ އެއްގޮތަށް މިހާރު ފެންނަމުން ދަނީ ކުޅިވަރުގެ އިންތިހާބުތަކާއި ކުޅިވަރު ތެރޭގައި މަސައްކަތް ކުރައްވާ ބޭފުޅުން، ސަރުކާރު ބޭނުން ނުވާ ގޮތަށް މަސައްކަތް ކުރައްވައިފި ނަމަ، އެބޭފުޅުންނާ ގުޅޭ ސަބަބު ދެއްކެވުމަކާ ނުލައި ފިޔަވަޅު އަޅަމުންދާ ތަނެވެ.

"މިއީ ވަރަށް ފަސޭހަކޮށް ފެންނަން އޮތް ކަމެއް. 80 ގެ އަހަރުތަކުގެ ތެރޭގައި ކަން ހިނގާފައި ހުރި ގޮތް ބެއްލެވީމަ ފެންނާނެ މިހާރު މިވަގުތު 2020 ވަނަ އަހަރު ކުޅިވަރުގެ ކަންކަން ހިނގަމުންދާ އިރު، އެއަކާ ތަފާތެއް ނެތް ތަން،" ހަސަން ލަތީފް ވިދާޅުވިއެވެ.

comment ކޮމެންޓް