އަމީން މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން އެމްޑީޕީ ޕީޖީ ބައްދަލުވުމެއް ބާއްވަނީ

އަމީން: އޭނާ މަގާމުން ވަކިކުރުމަށް އެމްޑީޕި ޕީޖީ ބައްދަލުވުމެއް ވަނީ ތާވަލްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލައަށް ދުރުވެގެން ހުންނެވި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރުުމާ ގޫޅޭ ގޮތުން ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބޭއްވުމަށް ތާވަލްކޮށްފި އެވެ.

އަމީނަށް ތުހުމަތު ކުރެވެނީ، ކޮވިޑް-19އާ ގުޅިގެން ގިނަ އަދަދެއްގެ ވެންޓިލޭޓަރު ގަތުމުގެ ތެރޭ ނާޖާއިޒު ކަންތައްތަކާއި ހީލަތް ހަދާފައިވާ ކަމުގެ ތުހުމަތެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ގަލޮލު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަމީންގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅުމާއިމެދު ގޮތެއް ނިންމުމަށް މިއަދު ޕީޖީގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.

"އަމީންގެ މައްޗަށް ގަލޮޅު ދެކުނުގެ އިތުބާރެއް ނެތް،"މީކާއިލް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

އަމީން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީން ގޮތެއް ނިންމުމަށް ބައްދަލުވުމެއް ތާވަލްކޮށްފައިވާކަން "ސަން"އަށް ވަނީ އެހެން ބައެއް މަސްދަރުތަކުންވެސް ކަށަވަރުވެފަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީ ޕީޖީގެ ބައްދަލުވުން ތާވަލްކޮށްފައިވަނީ މިއަދު މެންދުރު ފަހު 3:00 އަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން މިދިޔަ ހަފްތާ ބުދަ ދުވަހު އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ޕޮރޮސެކިއުޓާ ގެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވާފައެވެ. އެހެން ނަމެވެސް މިއަދު ޕީޖީން ވަނީ އެ މައްސަލައިގައި ޖިނާއީ މިންގަނޑުން ދައުވާ ކުރެެވެން ނެތް ކަމަށް ބުނެ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމާފަ އެވެ.

ދައުވާ ނުކުރަން ޕީޖީން ނިންމި ނަމަވެސް، އެ މައްސަލަ ފުލުހުންނާ ގުޅިގެން އަލުން ބަލާނެ ކަމަށް އޭސީސީން މިއަދު ވަނީ ބުނެފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ހެލްތުން ކުރި ހަރަދުތައް އޮޑިޓްކޮށް އޮޑިޓް އޮފީހުން އާންމު ކުރި ރިޕޯޓްގައިވާ ގޮތުގައި މަކަރާއި ހީލަތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަނީ ހަރަދުތަކެއް ކޮށްފަ އެވެ. އެގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް މަސައްކަތް ހަވާލު ކުރުން ފަދަ ކަންކަން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުރުމެވެ.

އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ އިން ލަފާ ދީގެން ހޮވި ކުންފުންޏެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް އެއީ ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ. ޖުމްލަ 34.50 މިލިއަން ރުފިޔާއަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި އިރު އެޑްވާންސްގެ ގޮތުގައި، ގެރެންޓީއަކާ ނުލާ މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.

comment ކޮމެންޓް