ޔޫއޭއީގެ ޓޮލެރެންސް މިނިސްޓަރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު

ޔޫއޭއީގެ ޓޮލެރެންސް މިނިސްޓަރު ޝޭހު ނަހްޔާން ބިން މުބާރަކް އަލް ނަހްޔާންގެ މައްޗަށް ވަނީ އިނގިރޭސި އަންހެނަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުކޮށްފަ -- ފޮޓޯ: ސްކައި ނިއުސް

އަބޫދާބީ (އޮކްޓޯބަރު 20): ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ޓޮލެރެންސް މިނިސްޓަރު ޝޭހު ނަހްޔާން ބިން މުބާރަކް އަލް ނަހްޔާން އިނގިރޭސިވިލާތުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ތުހުމަތުތައް އޭނާ ދޮގު ކުރައްވައިފި އެވެ.

ޝޭހު ނަހްޔާން ޖިންސީ ގޯނާ ކުރި ކަމަށް ބުނެފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ޔޫއޭއީގައި ބޭއްވި އިނގިރޭސިވިލާތުގެ އަދަބީ ހަރަކާތެއް ކަމަށްވާ ހޭ ފެސްޓިވަލް އިންތިޒާމު ކުރަން ދިޔަ އަންހެނެއް ކަމަށްވާ ކެއިޓްލިން މެކްނަމާރާ އެވެ.

އިނގިރޭސިވިލާތުގެ ސަންޑޭ ޓައިމްސްއާ ވާހަކަ ދައްކަމުން މެކްނަމާރާ ބުނި ގޮތުގައި ޝޭހު ނަހްޔާން އޭނާއަށް ޖިންސީ ގޯނާ ކުރީ އަބޫ ދާބީގެ އަލް ގުރުމް ރިޒޯޓުގައި ހުރި ޝޭހުގެ ގެޔަށް ގެންދިޔުމަށް ފަހު އެވެ. އެއީ ހޭ ފެސްޓިވަލް ޔޫއޭއީގައި ބޭއްވުމަށް އެގައުމުގެ ޓޮލެރެންސް މިނިސްޓްރީއާ ގުޅިގެން އޭނާ މަސައްކަތް ކުރާތާ ހަ މަސް ފަހުން، މިދިޔަ ފެބްރުއަރީ މަހުގެ 14އިގަ އެވެ.

އެ ހާދިސާ ހިނގި ފަހުން ފެބްރުއަރީ 25ގައި ޔޫއޭއީގައި ހޭ ފެސްޓިވަލް ބޭއްވި އެވެ. އަދި ފެސްޓިވަލް ނިންމާލުމަށް ފަހު މެކްނަމާރާ އިނގިރޭސިވިލާތަށް ގޮސް، އެގައުމުގެ ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ.

މީގެ އިތުރުން މެކްނަމާރާ ވަނީ އެ މައްސަލައިގައި އޭނާގެ ނަމާއި ވަނަވަރު ހާމަ ކުރުން ހުއްޓުވުމަށް އޭނާއަށް ލިބިދީފައިވާ ހައްގު ދޫކޮށްލާ، ޝޭހުގެ ގޯނާއާ ބެހޭ ގޮތުން ނޫސްތަކަށް މައުލޫމާތު ދީފަ އެވެ.

އެ މައްސަލައިގައި އިނގިރޭސި ސަންޑޭ ޓައިމްސްއިން ޝޭހުގެ ބަހެއް ހޯދަން މަސައްކަތް ކުރުމުން އެކަން ކާމިޔާބު ނުވި ކަމަށް އެ ނޫހުން ބުންޏެވެ. ނަމަވެސް ޝޭހާ ގުޅުން ހުރި އިނގިރޭސި ވަކީލުން ހިމެނޭ ކުންފުންޏަކުން ވަނީ "އަށް މަސް ކުރިން ހިނގާ ދިޔަ ކަމަށް ބުނާ އެ ހާދިސާއާ ބެހޭ ގޮތުން ޝޭހު އަޑު އެއްސެވީ ހައިރާންކަމާ އެކުގައި ކަމަށާއި އެ ތުހުމަތުތައް އޭނާ ދޮގު ކުރައްވާ" ކަމަށް ބުނެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ހޭ ފެސްޓިވަލް އިން ވަނީ ޝޭހު ނަހްޔާން ޓޮލެރެންސް މިނިސްޓަރުގެ ގޮތުގައި ހުންނަވާހާ ދުވަހަކު އެ ފެސްޓިވަލް ޔޫއޭއީގައި ދެން ނުބާއްވާނެ ކަމަށް ބުނެފަ އެވެ.

ޝޭހު ނަހްޔާން އަކީ ޔޫއޭއީގެ ރައީސް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ އާއިލާގެ މެމްބަރެކެވެ. އަދި އެއީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ މުއްސަނދި ޝާހީ އާއިލާ އެވެ.

comment ކޮމެންޓް